ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށާއި، ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ގާނޫނުތައް ހެދުމުން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާ މައުލޫމާތު މީޑިއާތަކުގައި ރިޕޯޓުކުރުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިސްލާހު ގެނައުމާ ގުޅިގެން ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އާންމު މަސްލަހަތާ ގުޅުންހުރި ކޮންމެ ކަމަކަށް ނޫސްވެރިން ފާރަވެރިވާންޖެހޭނެ ކަމަށާއި، ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ވަގުތުން ގެނެސްދިނުމަކީ ގާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.

"ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަން ހާމަކުރަން ޖެހެއެވެ. ޑޮލަރުގެ އަގު ދަށްވާނަމަ އެކަން ވެސް ހާމަކުރަން ޖެހެއެވެ. ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީއަށް އަނބުރާ ފޮނުވާލި ބޭރު ފައިސާއާ ބެހޭ ބިލަށް އިތުރު އިސްލާހުތަކެއް ގެނެސް، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ. ކޮމެޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީ ރޭޓުތަކުގައި ކުރެވޭ ބޭރު ފައިސާގެ ވިޔަފާރިތައް ޕްރޮމޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު