ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އުފަންވުމާއެކު ތުއްތު ކުއްޖާ ދައުލަތަށް ނެގުމުގައި ޖެންޑަރ މިނިސްޓްރީން އަމަލުކުރި ގޮތާ ގުޅޭގޮތުން ކުރިއަށްދާ ތަޙުޤީޤުގެ ބޭނުމަށް، މައްސަލައާ ގުޅުންހުރި ވަރަށް ގިނަ މައުލޫމާތު މިހާރު ހޯދިފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ލިބިފައިވާ ހެކިތަކާއި ގަރީނާތަކުގެ ދިރާސީ މަސައްކަތްތައް ކަމަށާއި، ތަޙުޤީޤު ފުރިހަމަކުރުމަށް ބޭނުންވާ އިތުރު ހެއްކާއި މައުލޫމާތު ހޯދުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

އެޗްއާރްސީއެމުން އިތުރަށް ބުނީ، މި މައްސަލައަށް ބޭނުންވާ އެންމެހައި މައުލޫމާތުތައް ވަރަށް އަވަހަށް ހޯދައި ތަޙުޤީޤު ނިންމާލެވޭނެ ކަމަށެވެ.

މި މައްސަލައިގެ ހަގީގަތް ހޯދުމަށްޓަކައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ އިތުރުން، ކުއްޖާގެ މަންމައާއި، އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެޗްއާރުސީއެމް އިން ވަނީ ކޮށްފައެވެ.

އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަކަށާއި ނަފުސާނީ ހާލަތަށް ބަލައި ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ކުއްޖާ ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންމަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ވަނީ މިއީ އޭނާގެ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ސިފަކޮށްފައެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން ކުރިން ބުނީ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި ކުއްޖަކު އާއިލާއާ ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަނި ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު