ރައްޔިތުންގެ މަޖިލީސް-
ރައްޔިތުންގެ މަޖިލީސް-
ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި، ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނާމެދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބަހެއް ހޯދުމަށާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެ ޕެޓިޝަން އެޖެންޑާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ ޕެޓިޝަނާ މެދު އެލްޖީއޭއިން ދެކޭ ގޮތް ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވި ހުށަހެޅުއްވުމާއި، މަޖިލީހުގެ މި ހިނގާ ދައުރުގެ ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް މި ޕެޓިޝަން އެޖެންޑާ ކުރުމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. މި ދެ ހުށަހެޅުން ވެސް ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކޮށް، މަޝްރޫޢުތައް އަވަސްކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ކަށަވަރުކުރުމުގެ މަޤްޞަދުގައި މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރެވެ. މި ބިލުގެ ބަހުސް އެންމެ ދުވަހެއްގެ ތެރޭގައި ނިންމައިލުމަށްފަހު އިތުރަށް ދިރާސާކުރުމަށް މިދިޔަ ހޯމަ ދުވަހު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ފުރަތަމަ ނިންމާފައި އޮތީ މިއަދުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމުމަށެވެ.

މި ބިލާ ދެކޮޅަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު މި މަހުގެ އަށްވަނަ ދުވަހު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަށް އެންމެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 2،100 މީހުން ވަނީ ސޮއިކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވައިދުގައި ވަނީ ޕެޓިޝަނަކަށް 2،100 މީހުންގެ ސޮއި ނުވަތަ ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ހަމަވެއްޖެނަމަ، އެ ޕެޓިޝަނެއް ދިރާސާ ކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަކަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

އާންމުންގެ ގިނަ ކަންބޮޑުވުންތަކަކާއެކު ހުށަހެޅި މި ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ، މި ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑި، ހުރިހާ ބާރެއް ވަޒީރުންގެ މަޖިލީހަށް ޖަމާވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް ދެކޮޅުހަދާ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު ފަހިވެ، ރަށުގެ ކަންކަމުގައި ބަސްބުނުމަށް ރައްޔިތުންނަށް ލިބިދީފައިވާ ޤާނޫނީ ޙައްޤުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށްވެސް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު