މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިޔު ލިސްޓު އާންމުކުރުމާއި، ކޯޓާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނުގެ ވެރިންނާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވައި މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ، މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހައްޖު ކޯޕަރޭޝަނުގެ އިސްވެރިން ހާޒިރުކޮށް، ހައްޖު ކޯޓާ އާއި ހައްޖު ކިޔުއާ ގުޅޭގޮތުން އާންމު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު ސާފުކޮށްދިނުމަށެވެ.

މެންބަރު ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހައްޖު ކޯޕަރޭޝަނުން މިހާރު ބަލަހައްޓަމުންދާ ހައްޖު ކިޔުއަކީ އާންމުންނަށް ފެންނަން އޮންނަ އެއްޗަކަށް ނުވާތީ، ހައްޖު ކޯޓާ ދޫކުރުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ސިޔާސަތެއް އޮތްކަމާމެދު ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް އެބަހުއްޓެވެ. އަދި ހައްޖަށް ދިޔުމަށްޓަކައި ދުރާލާ ފައިސާ ދައްކައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެ މީހުން ކިޔުގައި ތިބި ހިސާބު އަމިއްލައަށް ބަލައިލެވޭނެ އެއްވެސް ނިޒާމެއް ނެތުމާއި، އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ކިޔު ކުރިއަށްދާކަމުގެ ޔަގީންކަން ނެތްކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މި މައްސަލައިގައި ކަންކަން ސާފުކުރުމަށްޓަކައި މުހިންމު ބައެއް ކަންކަމާ ގުޅޭގޮތުން ކޯޕަރޭޝަނާ ސުވާލުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، ކިޔުގައި އޮތް ހިސާބު ބެލޭނެ ދެފުށް ފެންނަ ނިޒާމެއް މިއަދާ ހަމައަށް ވެސް ގާއިމްކުރެވިފައި ނުވާ ސަބަބާއި، ކިޔު ކުރިއަށްދަނީ އެއްވެސް ނުފޫޒެއް ނެތިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން، ކިޔު ފުންމާލުމުގެ އަމަލުތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަމާއި، އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓު އާންމުކުރާ އުސޫލުން ޒާތީ މައުލޫމާތު ރައްކާތެރިކޮށް ހައްޖު ކިޔު އާންމު ނުކުރެވިގެން އުޅޭ ސަބަބު ސާފުކުރުންވެސް ހިމެނެއެވެ.

ހަމައެއާއެކު، މީހުން ރަޖިސްޓްރީ ކުރި ތާރީހާއި ކިޔުގެ ތަރުތީބު އަދި ކިޔު ކުރިއަށްދާ ގޮތް ވަގުތުން ބަލައިލެވޭނެ ފަދަ އޮންލައިން ޕޯޓަލެއް ތައާރަފު ކުރުމުގެ ވިސްނުމެއް ހުރިތޯއާއި، އެފަދަ ނިޒާމެއް ގާއިމްކުރެވޭނެ ސީދާ ތާރީހެއް އޮޅުންފިލުވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފައެވެ. އަދި ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާ ބަހާ ގޮތާއި، އާންމު ރައްޔިތުންނަށް ދޫކުރާ މިންވަރާއި، ހާއްސަ ކެޓަގަރީތަކަށް ކޯޓާ ކަނޑައެޅުމުގައި ގެންގުޅޭ ހާމަކަން ބޮޑު އުސޫލަކީ ކޮބައިކަން އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ސާފުކޮށްދިނުމަށް ވެސް މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު