ދަރިވަރުން އިމްތިހާން ހަދަނީ-
ދަރިވަރުން އިމްތިހާން ހަދަނީ-
މި އަހަރުގެ މެއި/ޖޫން މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ބުނީ، ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ނަތީޖާ ދޫކުރަމުންދާ ކަމަށެވެ. އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޑީޕީއީ އިންނެވެ.

ސެޓްފިކެޓާ ހަވާލުވާން ދާއިރު ދަރިވަރުގެ އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށާއި، ބަދަލުގައި މީހަކު ފޮނުވާނަމަ، އިމްތިހާނު ހެދި ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ބަލައިދާ މީހާގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް ޑީޕީއީން ވަނީ ބުނެފައެވެ.

މި އަހަރުގެ މެއި/ޖޫން އިމްތިހާނުގައި ޖުމްލަ 1،229 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ބައިވެރިވި 916 ދަރިވަރުންނާއި، އައްޑޫ ސިޓީ ހިތަދޫން ބައިވެރިވި 147 ދަރިވަރުންގެ އިތުރުން ފުވައްމުލަކު ސިޓީން ބައިވެރިވި 27 ދަރިވަރުންނެވެ.

ތައުލީމާބެހޭ ވުޒާރާއިން ބުނީ، މެއި/ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އޭ ލެވެލް އިމްތިހާނު ކުރިއެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު