ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 1،102 މީހުން ފިޔަވައި އެހެން އެންމެން ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވި، އެ މީހުންގެ މަޢުލޫމާތު ސިސްޓަމްގެ ތެރޭގައި އަޕްޑޭޓް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރު 2023 ގައި ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ސިސްޓަމްތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 295،678 (ދެލައްކަ ނުވަދިހަ ފަސްހާސް ހަސަތޭކަ ހަތްދިހައަށް) ބިދޭސީން އުޅެމުންދިޔަ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ ވަސީލަތެއް ދައުލަތުގެ އެއްވެސް އިދާރާއެއްގައި އޮތީ އެންމެ 27،200 ބިދޭސީންގެ އެކަނި ކަމަށް އިޙްސާން ފާހަގަކުރެއްވިއެވެ.

"ބާކީ ގާތްގަނޑަކަށް ދެލައްކަ ހަތްދިހަ ދެހާސް މީހުންނަކީ ކާކުކަން ނޭނގޭ މީހުން. ކޮންމެ ހާލަތެއްގައި ފެނުނަސް އެކްޗުއަލް ޑޮކިއުމަންޓެއް އަތުގައި ނެތިއްޔާ އައިޑެންޓިފައި ކުރެވޭ ގޮތަކަށް ނޫން ދައުލަތުގެ ނިޒާމުގެ ތެރޭގައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަސައްކަތުން، ކުރިން ތިބި 295،000 މީހުންގެ ތެރެއިން 294،000 މީހުންގެ މަޢުލޫމާތު އަޕްޑޭޓްކޮށް، ބަޔޯމެޓްރިކަލީ ވެރިފައި ކުރެވޭ ގޮތް ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައި ނުކުރެވި ތިބީ އެންމެ 1،102 މީހުން ކަމަށްވެސް ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް