ހޯމް މިނިސްޓަރު އަލީ އިހުސާން، ފޮޓޯ: ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު އަލީ އިހުސާން، ފޮޓޯ: ހޯމް މިނިސްޓްރީ
ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ ގްރީން ބިލްޑިންގްގައި ހިނގި އަލިފާނު ހާދިސާ އަކީ ބަޔަކު ގަސްތުގައި ކުރިކަމަކަށް ނުބެލެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މި ހާދިސާގެ ތަހުގީގު ދިވެހި ފުލުހުންނާއި އަދި އަލިފާނުގެ ހާދިސާތައް ތަހުގީގުކުރުމުގައި (އާސަން އިންވެސްޓިގޭޝަން) އެހީތެރިކަން ފޯރުކޮށްދޭ އެކުވެރި ގައުމުތަކުގެ އެހީތެރިކަމާއެކު މިހާރު ވަނީ ނިންމާލެވިފައި ކަމަށެވެ. އަދި ތަހުޤީޤުގައި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު ގަސްތުގައި ކުރިކަމަކަށް ނުބެލެވޭ ކަމަށް އިޙްސާން ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައިވާ ހާދިސާއެއްގެ ގޮތުގައެއް ނޫން ހާދިސާ ތަހުގީގުން އަޅުގަނޑުމެންނަށް މިފެންނަނީކީ. ކަރަންޓުގެ މީ ރޯވެފަ، އެންމެ ފުރަތަމަ އިނިޝިއަލް ސްޓޭޖުގައި ފުލުހުން އެތަނަށް އެޓެންޑްވެގެން، ފުލުހުންގެ ބޮޑީކޭމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތުވޭ، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވާ ސީންގެ ތެރޭގައި އެއާކޮންޑިޝަންތަކުގެ ތެރޭގައި ހުރި ވަޔަރުތަކެއްގައި ކަން،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ހާދިސާއާ ގުޅޭ ތަފްސީލީ މައުލޫމާތު ހާމަކުރުމަށް ކުރިއަށް އޮތް ތަނުގައި ޕްރެސް ބްރީފިންއެއް ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާގައި ލިބުނު މާލީ އަދި މުދަލުގެ ގެއްލުމުގެ ސީދާ އަގު މިނިސްޓްރީއަށް އަދި ސާފުވެފައި ނުވާތީ، އެ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރައްވާނެ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް