މަޖިލީހުގެ ޖަލްސާ-
މަޖިލީހުގެ ޖަލްސާ-
ކައުންސިލްތަކުގެ ބިންތައް ސަރުކާރުގެ ބޭނުމަށް ނެގޭ އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިހާރު ހުށަހަޅާފައިވާ އިސްލާޙުގައިވަނީ، ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިޚްތިޞާޞުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމިދާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހުން ބަލައިގަތީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ބިލު ދިރާސާ ކުރުމަށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފައެވެ.

އޭގެއިތުރުން ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، ޢަމަލުކުރުމަށް ފެށުމުގެ ކުރިންވެސް، ސަރުކާރުން މަޝްރޫޢެއް ހިންގުމަށް ބިން ހޯދަން އެދިއްޖެ ނަމަ ކައުންސިލުން ޤައުމީ އިދާރާއަށް ބިން ޙަވާލުކުރަން ވާނެކަމަށް ބިލުގައިވެއެވެ.

"މިފަދައިން މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ޤައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެއެވެ. އަދި، މިގޮތުން ވަކިކުރެވޭ ތަންތަނުގެ މަޢުލޫމާތު، ޤައުމީ އިދާރާއިން ޢާންމުކުރަންވާނެއެވެ." ބިލުގައިވެއެވެ.

އޭގެއިތުރުން ކައުންސިލް ނިސްބަތްވާ ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކަށް މަޤުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ޢަމަލު ކޮށްފިނަމަ ނުވަތަ އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމާ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހުށައަޅާފައިވެއެވެ.

ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައެޅުމަށް ސޮއި ހޯދަން ވަނީ ފަށައިފައެވެ. ޕެޓިޝަން ތައްޔާރުކުރާ ފަރާތްތަކުން ބުނެފައިވަނީ، މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑިގެންދާނެ ކަމަށެވެ. އަދި އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ނުވަތަ ސަރުކާރުގެ މަރުކަޒީ އިދާރާތަކަށް ލިބިގެންދާ ގޮތަށް އޮތުމަކީ ލާމަރުކަޒީ ނިޒާމު ބަލިކަށިވާނެ ކަމެއްގެ ގޮތުގައި ޕެޓިޝަނުގައި ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި އިސްލާހުގެ ދަށުން ފަހިވެގެންދާނެ ކަމުގެ ކަންބޮޑުވުން ޕެޓިޝަންގައި ފާޅުކޮށްފައިވެއެވެ. މިއީ ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމަށް އޮތް ހައްގު ހަނިވެ، ބާރުތައް އެއްކުރެވޭނެ ކަމެއް ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

ހަމައެއާއެކު ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ރައްޔިތުންގެ ބާރު ހަނިކުރާ ގޮތަށް ހުށަހަޅާފައިވާ މި ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ލާމަރުކަޒީ އުސޫލުތަކާ ބީރައްޓެހި ބިލެއް ކަމަށެވެ. އެހެންކަމުން، މި ބިލު މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް މި ޕެޓިޝަން މެދުވެރިކޮށް ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް