މޫސުން ގޯސް ދުވަހެއް-
މޫސުން ގޯސް ދުވަހެއް-
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ދުވަސްވަރަކަށް ވުމުން، ބައެއް ރަށްތަކަށް ބޯކޮށް

ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ވައިގެ ދުވެއްޔަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސް ކުރަމުން މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހޭލެވި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅޭގޮތުން މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، މި ވިއްސާރަ މުޅިން އަލިވާނެ ދުވަހެއް އަދި އަންދާޒާ ކުރަން ދަތި ކަމަށެވެ. ނަމަވެސް، މި ހަފްތާގެ ބޮޑުބައެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރު ފޯރާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު