އާންމު ސަރަޙައްދެއްގައި ހިންދޫ ދީނުގެ އަޅުކަމުގެ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެ ވީޑިއޯއިން ފެންނަ ނޭޕާލް އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ފާލަންތައް ހުންނަ ސަރަޙައްދުގައި އަންހެނަކު ހިންދޫ ދީނުގެ އަޅުކަން ކުރަނިކޮށް ފެންނަ ވީޑިއޯ ސަމާލުކަމަށް އައީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކާކުކަން ހޯދައި، އުމުރުން 44 އަހަރުގެ އެ ނޭޕާލް އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުންގެ ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، އޭނާއަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ މީހެކެވެ. އެހެންކަމުން، ފުލުހުންގެ މައްސަލައާ ގުޅޭ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އޭނާ މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ޤަވާޢިދާ ޚިލާފަށް އުޅެނިކޮށް ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކުރެވޭ ބިދޭސީންނާމެދު އާންމުކޮށް އަމަލުކުރާ އުޞޫލަކީ، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުން (ޑީޕޯޓްކޮށްލުން) ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް