ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް، ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ކުރިމަތި ލައްވައިފިއެވެ.

ރީތި ލަވަޔަކާއެކު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ނިމާލް ވަނީ އޭނާގެ މި ނިންމެވުން އިޢުލާނު ކުރަށްވައި، ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. މިކަން އިޢުލާނު ކުރައްވަމުން ނިމާލް ވިދާޅުވީ، ﷲ ގެ ރަޙުމަތަށް އުންމީދުކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއަށް އެދިހުރެ ޕީއެންސީގެ ނައިބު ރައީސްކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެހުގައި ވޯޓުލާ މަންދޫބުންނާއި ޕާޓީގެ ލޮބުވެތި މެންބަރުން އޭނާއަށް ތާއީދުކޮށްދެއްވުމަށް ނިމާލް ވަނީ އިޙްތިރާމާއެކު އެދިވަޑައިގެންފައެވެ.

ނިމިގެންދާ ދައުރުގައި ޕީއެންސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރުވެސް، ނައިބު ރައީސްގެ ހައިސިއްޔަތުން އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކާއި ގޮންޖެހުންތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ނިމާލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ނާއުންމީދުވި ދަނޑިވަޅުތަކުގައި މެންބަރުންގެ ފަރާތުން ލިބުނު ހިތްވަރަކީ ސާބިތުވެ ހުރުމުގެ އަސާސް ކަމަށާއި، ޕާޓީ ވެރިކަމަށް ގެނައުމަށް ޓީމެއްގެ ގޮތުގައި ކުރެވުނު މަސައްކަތަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މި ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން. ނަމަވެސް މިއަދު ދެވަނަ ކޮންގްރެހާ ކުރިމަތިލާއިރު ޕާޓީ ވެރިކަމުގައި އޮތުމަކީ އަޅުގަނޑުމެން އެންމެންނަށް ލިބޭ އުފަލެއް." ނިމާލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ކާމިޔާބީއަކީ ހުރިހާ މެންބަރުންނާއި ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއް ކަމަށެވެ.



ނިމާލްގެ އެންމެ މުހިންމު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމުގެ ތަރައްޤީއާއި، މިނިވަންކަމާއި، ހަމަޖެހުމަށް ކުރައްވާ މަސައްކަތްޕުޅުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު ލަނޑުދަނޑިކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި އަބަދުވެސް ތެދުވެރިކަމާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ނިމާލް ވިދާޅުވީ، ޕާޓީއަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް އޭނާ ހުންނަވާނީ މެންބަރުންނާއެކު ގޮތް ހުސްނުވެ ކަމަށެވެ. އޭނާގެ ދުޢާއަކީ ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތަށް ކާމިޔާބީ މިންވަރުކުރައްވައި، "ދިވެހިންގެ ރާއްޖެ" ތަސައްވުރު ޙަޤީޤަތަކަށް ވެގެންދިއުމެވެ.

ނިމާލް މި މަޤާމަށް ވާދަ ކުރަށްވާއިރު، މިހާރު ވެސް ޕީއެންސީގެ އިސް ހަބޭފުޅަކު ގެންދަވަނީ ނައިބު ރައީސްގެ މަގާމަށް ކެމްޕޭން ކުރަށްވަމުންނެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އަސްމާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު) ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު