އެމަނިކުފާނުގެ ރިޔާސީ މިދައުރުގެ ތެރޭގައި ކޮންމެ ރަށެއްގެ ވެސް އެންމެ މުހިންމު އެއް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި މިރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި ކުރިއަށް އޮތް މިނިވަން ދުވަހަށް ނިންމުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ އިތުރުން، ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް ރައްޔިތުން އެންމެ އެދޭ އަދި އެންމެ އިސްކަންދޭ ކަންކަމަށް ބަލައިގެން މަޝްރޫޢުތައް ތަރުތީބުކުރާނެ ކަމަށެވެ. މިގޮތުން، ރިޔާސީ އިންތިޚާބުގެ ތެރޭގައާއި އަދި ފަހުންވެސް ރައްޔިތުންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މުޅި ރަށުގެ އުންމީދުތަކާ ގުޅިފައިވާ އެންމެ މުހިންމު މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި މި ކަންކަމުގެ އިތުރު ތަފްޞީލުތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ގައުމަށް އިގުތިޞާދީ ގޮތުން ދަތިތަކެއް ހުރިނަމަވެސް، ސަރުކާރުގެ މި ދައުރުގެ ތެރޭގައި ވެފައިވާ ވައުދުތައް ފުއްދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ޕްލޭންތައް ދަނީ ބަރާބަރަށް ތަންފީޒު ކުރެވެމުން ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާންވާއިރަށް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ އިގުތިޞާދީ ހާލަތު ރަނގަޅު ކުރުމާއެކު، އިގުތިޞާދުގައި ބުންވަރު ޖައްސައި އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައް ދަނީ ހިންގަމުން ކަމަށެވެ. މިގޮތުން ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއްގެ މަސައްކަތް މިހާރު ފެށިފައިވާއިރު އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ޒުވާނުންނާއި އަންހެނުން އިގުތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށްދާކަަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ އެކި ފަރާތްތަކުން ގައުމުގެ މަސްލަހަތު އިސްނުކުރި ނަމަވެސް، ސަރުކާރުން އިސްކަންދޭނީ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިކޮށް، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު