މާލެ ސިޓީ ކައުންސިލަށް އަހަރަކު ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގާބިލުކަން އެ ކައުންސިލްގައި ނެތް ކަމަށް ވިދާޅުވެ، އުޅަނދުފަހަރުގެ އަހަރީ ފީން ލިބޭ ފައިސާ ސަރުކާރުގެ ބަޖެޓަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ދުއްވާ އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި އެކަނިވެސް އަހަރަކު ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ލިބޭ ކަމަށެވެ. ނަމަވެސް، މަގުތައް ހެދުމާއި މަރާމާތުކުރުމުގެ ޒިންމާ ކައުންސިލާ މަތިކޮށްފައިވާއިރު، އެފަދަ މަސައްކަތެއް ކުރާނެ ކެޕޭސިޓީ ކައުންސިލްގައި ނެތުމުން އެ ފައިސާ ޚަރަދުވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 150 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، މަގުތަކުގައި ތާރުއެޅުމާއި މަރާމާތުކުރުމުގެ ކެޕޭސިޓީ ބިލްޑްނުކުރުމަކީ ކައުންސިލުން ޒިންމާ އަދާނުކުރުން ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ތާރުއަޅާފައިވާ މަގުތައް އެކި ބޭނުންތަކަށް ކަނޑަން ކައުންސިލުން ހުއްދަ ދިން ނަމަވެސް، އެ ތަންތަން އަލުން މަރާމާތުނުކުރެވޭ ކަމަށެވެ. ވަޒީރު ވިދާޅުވީ އަމީނީ މަގާއި ބޭރު މަގު ފަދަ މުހިންމު ސަރަހައްދުތައް ހަލާކުވުމުން އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން އެ ތަންތަން ހަދަންޖެހުމަކީ ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަންޖެހޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގުތައް މަރާމާތުކުރާނެ މިންގަނޑުތައް މިނިސްޓްރީން އެކުލަވާލައި ކައުންސިލާ ހިއްސާކޮށްފައިވީ ނަމަވެސް، އެއާ އެއްގޮތަށް މަސައްކަތް ކުރެވިފައެއް ނުވާ ކަަމަށެވެ.

މާލޭގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ބޮޑުވެފައިވާތީ، ސަރުކާރުން މިހާރު ވަނީ އަމީނީ މަގާއި ބޭރު މަގު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލައަށް ފަށާފައެވެ. މިނިސްޓަރު ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީ ސަރުކާރަށް ލިބޭނެ ގޮތް ހަދައިދީފިނަމަ، މަގުތައް ހެދުމުގެ މަޝްރޫއުތައް މިއަށްވުރެ އަވަސް އަދި ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު