ސަރުކާރު ހިންގާ މައިޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނީ މަތީ މަޖިލީހުގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ މެދު ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ މަތީ މަޖިލީހާއި، ޤައުމީ މަޖިލީހުގެ އިތުރުން ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތާއި، އެ ގުނަވަންތަކުގައި ކަންކަން ނިންމާނެ ގޮތްތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ޤަވާޢިދުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މި ޤަވާޢިދަކީ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށް، އާންމު މެންބަރުންނާއި ނޫސްވެރިންނަށް ފެންނަން އޮތް ލިޔުމެއްކަންވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެޕާޓީގެ އަސާސީ ޤަވާޢިދުގެ ޗެޕްޓަރު 7 ގެ 69 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ޕީއެންސީން ބުނީ، މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައިވާ ގޮތުން، ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގެނީ ހާމަ ވޯޓެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ޕާޓީގެ މަތީ މަޖިލީހުގައި ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓެއް ނެގުމަކީ އަސާސީ ޤަވާޢިދާ ޚިލާފު ކަމެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ. އަދި މަތީ މަޖިލީހުގައި އަތް އުފުލައިގެން ވޯޓު ނެގުމަށް ކަންކަން ވިލަރެސްކުރާ ކޮމިޓީން ނިންމި ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންސީގެ ކޮންގުރެސް ނުވަތަ އެޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ މެދު ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު