ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، އަންނަ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

މި މުޒާހަރާ ބޭއްވުމަށް ހުށަހެޅުއްވީ މި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، މުޒާހަރާއަށް ނުކުތުމާމެދު ގައުމީ މަޖިލީހުގައި ވޯޓެއް ނަގަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ ދޯހަޅި ކަންކަމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް އެމްޑީޕީގެ އާންމު މެންބަރުންގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" އެނގިވަޑައިގަންނަވާނެ 12 އޯގަސްޓަކީ ކަޅު ހުކުރު ދުވަސް އެހެން ނަމަވެސް ކަޅުހުކުރު ދުވަހާއި ގުޅުވައި މުޒާހަރާ އެެއް ރާވާއިރު މި ރާވަނީ ތަކެތީގެ އަގުބޮޑުވުމާއި ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި ހުރިހާ ގޭބީސީ ތަކަށް ޖުމުލަކޮށް ކުރިމަތިވަމުން އަންނަ ދަތިތަކާއި ގުޅޭގޮތުން އަޑު އުފުލުމުގެ ނިޔަތުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އޯގަސްޓް 12 ވާ ބުދަ ދުވަހު މާލޭގެ މަގުތަކަށް ނުކުންނަން އެމްޑީޕީން ތައްޔާރުވަމުންދާއިރު، އެ ޕާޓީން ވަނީ ދާދިފަހުންވެސް މާލޭގައި ސިޔާސީ އެއްވުމެއް ބާއްވައިފައެވެ.

މާލޭގައި 12 އަދި 13 އޯގަސްޓު 2004 ގައި ހިންގި ހާދިސާއަކީ ދިވެހިރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގެ ތާރީޚުގައި ހިނގާދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއެވެ. ސިޔާސީ އިސްލާހަށް އެދި ޖުމްހޫރީ މައިދާނަށް އެއްވި އާންމު ރައްޔިތުންގެ އިހުތިޖާޖު ރޫޅާލުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރިއެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށާއި، އާ ގާނޫނުއަސާސީއަކަށް މަގުފަހިވެގެންދިޔަ މުހިންމު ސިޔާސީ ބަދަލުތަކުގެ ފެށުމެވެ.



ކިޔުންތެރިންގެ ހިޔާލު