ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ކަނޑަށް ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ވަރަށް ހާއްސަ އިސްކަމެއް ދީގެން މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ދަށުން ކަނޑުގެ މަގުންނާއި ވައިގެ މަގުން އެ ސަރަހައްދުގެ ބޮޑު ބައެއް އިއްޔެ ވެސް ބަލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް، ކޮޅުވެއްޓި ދިޔަވެގެން ގާފަރު ކައިރިއަށް ބަންޑުންޖަހާލައިގެންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އެއީ 08 ބިދޭސީންނާއި 02 ދިވެހިންނެވެ.

އުޅަނދު ބަންޑުންޖަހާލި ހާދިސާގައި އޭގައި ތިބި މީހުންގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. މިހާރު ގެއްލިގެން ހޯދަމުންދަނީ ސަލާމަތްނުވެވި ކަނޑުވި ދެ ބިދޭސީންނެވެ. މި ހާދިސާ ހިނގާފައިވަނީ މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ކަނޑުތައް ވަރަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު