ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)
ޑޮލަރުގެ އަގު މައްޗަށް ދިއުން ހުއްޓުވުމަށް ސަރުކާރަށް އެދެވޭ ފިޔަވަޅުތަކެއް ނޭޅޭ ކަމަށާއި، އަދިވެސް ޑޮލަރުގެ އަގު އުފުލެމުންދާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އުއްޗު ފާހަގަކުރެއްވި ގޮތުގައި، ޑޮލަރުގެ އަގު އުފުލެމުންދާ މައިގަނޑު ސަބަބަކީ އިގްތިސާދުގައި ދިވެހި ފައިސާ ދައުރުވާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެ، ރުފިޔާގެ ގަތުމުގެ ގާބިލުކަން ނުވަތަ އޭގެ އަގު ދަށަށް ދިއުމެވެ. ކޮންމެ އެއްޗަކީވެސް ބާޒާރުގައި ތިޔާގިވެއްޖެނަމަ އޭގެ އަގު ވެއްޓޭނެ އެއްޗެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދައުލަތުގެ ހިންގުމުގެ ހަރަދުތަކާއި، މަޝްރޫއުތަކުގެ އިތުރުން މުސާރަ ދިނުމަށް ގިނަ އަދަދެއްގެ ރުފިޔާ އިގްތިސާދުގެ ތެރެއަށް ދޫކޮށްފައިވާއިރު، އެއާ އަޅާބަލާއިރު ޑޮލަރު ދައުރުވާ މިންވަރު މަދުވެފައިވާ ކަމަށެވެ.

ސަރަހައްދީ ގައުމުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އުއްޗު ވިދާޅުވީ، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ ފަދަ ގައުމުތަކަށްވެސް ޑޮލަރުގެ އަގު ހިފެހެއްޓުމުގައި ކާމިޔާބީއެއް ހޯދިފައި ނުވާ ކަމަށެވެ. އަދި މިހާރު ތަކެތީގެ އަގު ބޮޑުވާކަމަށް އިހުސާސް ކުރެވުނު ނަމަވެސް، ހަގީގީ މައްސަލައަކީ ފައިސާގެ އަގު ދަށަށް ދިއުން ކަމަށާއި، މީގެ ކުރިން ލިބުނު އަގުގައި ތަކެތި ނުލިބެނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް އޮތް ހައްލަކީ އިގްތިސާދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު މަދުކުރުން ކަމަށާއި، އެ ނޫން ގޮތަކުން ސަރުކާރަށް މިކަމުގައި މާބޮޑު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އުއްޗު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު