އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު
އެކައުންޓުގައި ރުފިޔާ އެބަހުރި ކަމަށާއި ނަމަވެސް ޑޮލަރެއް ނުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލްކޮށް ބާޒާރަށް ޑޮލަރު ނެރުމަށް ސަރުކާރުން އެކުލަވާލި ބައެއް ސިޔާސަތުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ބާޒާރުގައި ޑޮލަރުގެ އަގު ހުރި މައްޗަށް ގޮސްފައިވާއިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ތިބި އާއިލާތަކަށާއި، ގައުމުގެ އެކި ވިޔަފާރިވެރިންނަށް ޑޮލަރު ނުލިބި ބައެއް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ހިނގާ މަހުވެސް ރާއްޖެ ޑީފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާއިން ދީފައިވާ ކަރަންސީ ސްވަޕް ފެސިލިޓީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ގައުމު މިފަދަ ނާޒުކު އިގުތިސާދީ ހާލަތެއްގައި އޮތުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ސަރުކާރުގެ މިސްރާބާ މެދު ބައެއް ސުވާލުތައް އުފައްދަވާފައެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ހިޔާލުތައް ހިއްސާކުރަމުން ދިޔަނަމަވެސް، ޑޮލަރުގެ މައްސަލަ ހައްލުކޮށް ކަޅު ބާޒާރު ހުއްޓުވުމަށް އެދެވޭ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެގޮތުން، މިހާރު ވަނީ މިކަމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި، މި ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ދައްކަން ފަށާފައިވާ ކަމަށްވެސް ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމަށް ވެއްދުމުގެ ގޮތުން އެމްއެމްއޭ މެދުވެރިކޮށް އައު ގަވާއިދުތަކަށް އަމަލުކުރަން ފަށައި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް މާރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ރަސްމީ ނިޒާމުގެ ތެރެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ބާޒާރުގައި ޑޮލަރު ލިބުން ފަސޭހަވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. އަދި ރަސްމީ ނިޒާމުން ބޭރުން ހިންގާ ޑޮލަރުގެ މުއާމަލާތްތަކާއި މަނީ ލޯންޑްރިންގ ހުއްޓުވަން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ސަރުކާރުން ބުނަނީ މި އިސްލާހީ ބަދަލުތަކާއެކު ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މިހާރުން މިހާރަށްވެސް މި ފިޔަވަޅުތަކުގެ ހެޔޮ އަސަރު ބާޒާރުން ފެންނަމުންދާ ކަމަށް އިޤްތިސާދީ މާހިރުން ވެސް ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް