މިނިސްޓަރު ޝިޔާމް: މަޖިލީހުގެ މިއަދުގެ ޖަލްސާގައި - ފޮޓޯ: މަޖިލިސް
މިނިސްޓަރު ޝިޔާމް: މަޖިލީހުގެ މިއަދުގެ ޖަލްސާގައި - ފޮޓޯ: މަޖިލިސް
މަސްވެރިންގެ އަތުން މަސް ގަތުމަށްޓަކައި ސަރުކާރުގެ ކުންފުނި މިފްކޯއަށް ދައުލަތުން ދެމުން އައި މާލީ އެހީތެރިކަން ނުވަތަ ސަބްސިޑީ މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުންފުނި ހިންގުމަށާއި މަސް ގަތުމަށް ދައުލަތުގެ ބަޖެޓުން މިހާރު އެންމެ ލާރިއެއްވެސް މިފްކޯއަށް ދޫނުކުރާ ކަމަށެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މީގެ ކުރިން މަސްވެރިކަމުގެ ދާއިރާ އޮތީ ސިޔާސީ މަންފާ ހޯދުމުގެ ވަސީލަތަކަށް ހަދާފައެވެ. އެގޮތުން، ވޯޓު ހޯދުމުގެ ނިޔަތުގައި ނިމިދިޔަ ސަރުކާރުން މަހުގެ އަގު އަތްނުފޯރާ ފަށަށް ބޮޑުކުރުމުން، ކޮންމެ ކިލޯއަކުން ބޮޑު އަދަދެއް ދައުލަތުން ދައްކަން ޖެހުނުކަން ޝިޔާމް ފާހަގަކުރެއްވިއެވެ. މިގޮތަށް ބިލިއަނުން ފައިސާ އިސްރާފު ކުރުމުގެ ބަދަލުގައި، އެ ފައިސާ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޭނުން ނުކުރީތީ އޭނާ ސުވާލު އުފެއްދެވިއެވެ.

ސިނާއަތުގެ ހާލަތަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފެލިވަރު ފަދަ މުހިންމު ތަންތަނުގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތެއް ކުރީގެ ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސް ޕްރޮސެސް ކުރާ މިންވަރު ތިން ގުނައަށް އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައި އާ މަސް ފެކްޓްރީތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި މަޝްރޫއުތަކާ އެކު ރާއްޖެއިން ބޭރަށް ފޮނުވާ މަހުގެ އުފެއްދުންތައް ގިނަވެ، ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް ހަދާފައިވާ ކަމަށެވެ. އަދި ކުރިން މި ސިނާއަތުގައި ހަރަކާތްތެރިވާން ޖެހިލުންވި އަމިއްލަ ކުންފުނިތަކަށް މިހާރު ވިޔަފާރީގެ ރަނގަޅު މާހައުލެއް އުފެދިފައިވާ ކަމަށާއި، މީގެ ސަބަބުން މަސްވެރިންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު މަތިވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު