ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރާފައިވެއެވެ. މި މަހަށް މަސްވެރިންނަށް ޖުމްލަ 30،007،339 (ތިރީސް މިލިއަން ހަތްހާސް ތިންސަތޭކަ ތިރީސްނުވަ) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލީގެ ގޮތުގައި 5 ދޯންޏަކުން 1.23 ޓަނުގެ މަސް ކިރާފައިވާއިރު، އެ މަހަށް 30،700 (ތިރީސްހާސް ހަތްސަތޭކަ) ރުފިޔާ ވަނީ ދޫކޮށްފައެވެ. އެހެންކަމުން، މިދިޔަ އޮކްޓޫބަރު މަހު މިފްކޯއިން މަސްވެރިންނަށް ޖުމްލަ 30،038،039 (ތިރީސް މިލިއަން ތިރީސްއަށްހާސް ތިރީސްނުވަ) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި އަދަދަކީ މިދިޔަ ސެޕްޓެންބަރު މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސެޕްޓެންބަރު މަހު 453 ދޯންޏަކުން ކިރާފައިވަނީ ޖުމްލަ 1،288.42 ޓަނުގެ މަހެވެ. މިފްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ މަސްތަކުގައި ރާއްޖޭގެ މަސްވެރިކަން މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. މި އަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ބޮޑަށް ދަށްވެފައިވަނީ ޖޫން މަހުގައެވެ. އެ މަހު ކިރިފައިވަނީ އެންމެ 568 ޓަނުގެ މަހެވެ. އަދި އެ މަހު މަސްވެރިންނަށް ދޫކުރެވުނީ 11.33 މިލިއަން ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ދާއިރާއަކީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ މަސްވެރިކަމުގެ ސިނާޢަތެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދީ، ޒަމާނީ ވަސީލަތްތަކާއެކު މި ސިނާޢަތް އިތުރަށް ފުޅާކުރުމެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ ވަރުގަދަ މައި ތަނބަކަށް މަސްވެރިކަމުގެ ދާއިރާ ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް