މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި އަދި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް އިންސާނުންގެ ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްލާހުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ނުކުރައްވައި، އަލުން ވިސްނުމަށް މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމާ ގުޅިގެން ކޮމިޓީން ބިލު ދިރާސާކުރުމަށްފަހުގައެވެ.

ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް ކޮމިޓީން ގެނައި މި އިސްލާހުގެ ދަށުން، ގުނަވަން ހަދިޔާކުރާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ވަނީ މުހިންމު އުސޫލެއް އިތުރުކޮށްފައެވެ. އެގޮތުން، ގުނަވަން ހަދިޔާކުރާ މީހާއަކީ އެއްވެސް ސިފައެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި، ޖަލު ހުކުމެއްގައި ހުރި މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ގުނަވަން ހަދިޔާކުރުމުގެ ތެރޭގައި ހިނގައިދާނެ ނަހަމަ އަމަލުތަކުން ސަލާމަތްވުމަށް ގެނައި ބަދަލެކެވެ.

މީގެ އިތުރުން، މި ބިލު ކުރިން މަޖިލީހުން ފާސްކުރިއިރު ހިމަނާފައިވާ ގިސާސް ހިފުމުގެ އަދަބު ވެސް ކޮމިޓީން ވަނީ އުނިކޮށްފައެވެ. ކުރިން ބިލުގެ 66 ވަނަ މާއްދާގައި އޮތީ، ރުހުމެއް ނެތި ގުނަވަން ނަގައިފި ނަމަ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމަށެވެ. ނަމަވެސް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައި ވަނީ، ރުހުމެއް ނެތި ގުނަވަން ނެގުމުގެ ތެރޭގައި ހިމެނޭ ތަފާތު ތިން އަމަލަކީ ވެސް އިސްލާމީ ޝަރީއަތުގެ ދަށުން ގިސާސް ހިފުމުގެ ޝަރުތު ހަމަވާނެ ކަންކަމަށް ނުވެދާނެ ކަމަށެވެ. އެހެންކަމުން، ޝަރުއީ އުސޫލުތަކާ ހިލާފަށް ގިސާސް ތަންފީޒު ކުރެވިދާނެ ކަމުގެ ބިރު އޮތް ކަމަށް ރައީސް ފާހަގަކުރެއްވުމުން، ކޮމިޓީން ވަނީ އެ ބައި އުނިކޮށްފައެވެ.

އަދަބުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ޖަލު ހުކުމާއި ޖޫރިމަނާގެ އަދަދުތައް ވެސް ވަނީ ދަށްކޮށްފައެވެ. އެގޮތުން، 250,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ، 150,000 އާއި 250,000 ރުފިޔާއާ ދެމެދަށް ވަނީ ކުޑަކޮށްފައެވެ. އަދި 18 މަހާއި 24 މަހާ ދެމެދުގެ ޖަލު ހުކުމް ވަނީ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ކުރުކޮށްފައެވެ. މި ބަދަލުތަކާއެކު ބިލުގެ 66 ވަނަ މާއްދާ މިހާރު އޮތީ އެންމެ ފުރަތަމަ މަޖިލީހަށް ބިލު ހުށަހެޅި އިރު އޮތް ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު