އއ. ހިމަންދޫ
އއ. ހިމަންދޫ
އއ. ހިމަންދޫގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެނބެމުން ދަނިކޮށް ފުލުހުންނާއި އާންމުން ގުޅިގެން ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ރަށު އުތުރު ފަރާތު މޫދަށް އެރި އުޅުނު 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖަކު ގެނބެމުން ދަނިކޮށެވެ. މި މަންޒަރު ފެނުނު އަންހެނަކު ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔައިރު، އެ ދެ ކުދިން ތިބީ ގޮނޑުދޮށުން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ގެނބެމުންނެވެ.

މި ކުދިން ސަލާމަތްކުރުމަށް ފުލުހުންގެ ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި ހިމަންދޫ، ދިލާސާގެ، މުޙައްމަދު އާޙިލް ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށްޓަކައި ހިމަންދޫގެ އިތުރު ދެ މީހެއްގެ އެހީތެރިކަން ވެސް ވަނީ ލިބިފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެންމެންގެ މަސައްކަތުން ދެ ކުދިން ވެސް ސަލާމަތުން ބީޗަށް ވަނީ ގެނެވިފައެވެ. ގެނބުމުގެ ސަބަބުން ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވީ ނަމަވެސް، އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ޔަޤީންކޮށްދިނެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވުމަށްޓަކައި މޫދަށް އެރި އުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިން މޫދަށް އެރޭއިރު އަބަދުވެސް ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު