އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތައުލީމީ ދާއިރާގެ މަޝްރޫއުތައް ހުއްޓި، ދުވެލި އިންތިހާއަށް ލަސްވަމުންދާ މައްސަލައިގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހަނާ ދައްކަވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް، އެކި ދާއިރާތަކުގެ މެންބަރުން ވަނީ ގިނަ ދުވަސްތަކެއް ވެފައިވާ މަޝްރޫއުތައް ނުނިމި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުވާލު ދަންނަވާފައެވެ. ނަމަވެސް، މި ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ މަސައްކަތްތައް ލަސްވަނީ "ކޮލެޓީ ކަށަވަރު ކުރަން" އުޅޭތީ ކަމަށެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ 160 އަށްވުރެ ގިނަ މަޝްރޫއު މިހާރުވެސް ކުރިއަށްދެއެވެ. އަދި އެ މަސައްކަތްތައް ލަސްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން، ރައްޔިތުންގެ ފައިސާ ހޭދަކުރާއިރު ފެންވަރު ރަނގަޅުކަން ކަށަވަރު ކުރަން ޖެހޭތީ ކަމަށް ވިދާޅުވެ، މަޝްރޫއުތައް ހުއްޓިފައި އޮތް އޮތުން ދިފާއު ކުރެއްވިއެވެ.

"ރައީސް އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދަކީ މަސައްކަތް ކުރެވެމުންދާއިރުގައި ރައްޔިތުންގެ ފައިސާއިން މަސައްކަތް ކުރެވޭއިރުގައި އެ ކުރެވޭ މަސައްކަތަކީ އެކަށީގެންވާ ކޮލިޓީގައި ފެންވަރު ރަނގަޅުކޮށް ކުރެވޭ މަސައްކަތެއް ކަމަށް ކަށަވަރު ކުރެވެން ވާނެޔޭ، އެފަދަ ކަންކަމަށް ވަގުތު ހޭދަކުރަން ޖެހުމާއެކުގައި ހަމަ ކޮންމެވެސް ވަރަކަށް ޑީލޭސް ތަކެއް މި އުޅެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކުރެއްވިއެވެ. މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ކޮލެޓީ ބެލުމަކީ ކޮންމެ މަޝްރޫއެއްގައިވެސް ކުރަންޖެހޭ ކަމެއް ނަމަވެސް، އެކަމުގެ ނަމުގައި މަސައްކަތްތައް މުޅިން ހުއްޓިފައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

މަޝްރޫއުތައް ލަސްވާކަމަށް އިއުތިރާފުވަމުން މިނިސްޓަރު ވިދާޅުވީ މިހާރަށްވުރެ ބާރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖޯކު ޖެއްސަވާ ފަދަ މޭރުމަކުން ޝަފީއު ވިދާޅުވީ، މެންބަރުން މި ސުވާލުތައް ކުރަނީ ސަރުކާރުން ތައުލީމީ ދާއިރާ ކުރިއަރުވަން ގެންގުޅޭ ވިސްނުން ރަނގަޅުކަމުން ކަމަށާއި އެކަމާ "އުފާކުރައްވާ" ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، ގިނަ ރަށްރަށުގެ ސްކޫލްތަކުގެ ޖާގައިގެ ދަތިކަމާއި، މަލްޓިޕާޕަސް ހޯލްތަކުގެ މަސައްކަތް މެދުކެނޑިފައި އޮތުމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން އަންނަނީ ބޮޑެތި ތަކްލީފުތަކެއް އުފުލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު