ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސިޔާސީ ޕާޓީ ބަދަލުކުރި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ގޮވާލައްވައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޝުޖާއު، އެމްޑީޕީއަށް ބަދަލުވުމާ ގުޅިގެން މީގެ މަހެއްހާ ދުވަސް ކުރިން އެލްޖީއޭ އިން ވަނީ އޭނާ މަގާމުން އެކަހެރިކޮށްފައެވެ. އެލްޖީއޭ އިން ބުނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައަޅަން ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ނަމަވެސް އެ ކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުޑަކޮށް، ޝުޖާއުއަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.



"ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ މަގާމުން ވަކިވެއްޖެކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭ. ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ." ޝާހިދު ވިދާޅުވިއެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސިޔާސީ ޕާޓީ ބަދަލުކުރި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ނިންމާފައިވާއިރު ޝުޖާއު އެމްޑީޕީއަށް ސޮއިކުރުމުން، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އޭނާގެ ނަން ހިމެނުމާއެކު އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް އަންގަންދެން އޭނާ ހުރީ ސަސްޕެންޝަނުގައެވެ.



ކިޔުންތެރިންގެ ހިޔާލު