މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް
މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް
ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މާވިންއާއެކު އެ ގޭގައި ހުއްޓާ ކަމާއި، މާވިންގެ ފޯނުން މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް ފެނިފައިވާކަން ޙުކުމްގައިއެވެ. އެހެންކަމުން، މާވިން ދެއްކި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް މޭރީ މަރާލީ މާވިންކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އެކަން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާ މޭރީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު މޭރީގެ ހަށިގަނޑުން ސަކްސިނަލްކޮލިން ކްލޮރައިޑް ޑްރަގް ފެނިފައިވާ ކަމަށާއި، ހޭނައްތާލުމަށް ބޭނުންކުރާ އެ ޑްރަގަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދޫކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ކޮންޓްރޯލްޑް ޑްރަގެއް ކަމަށް ޙުކުމްގައިވެއެވެ.

ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާގެ މައްޗަށް ކުރި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ޤާޟީ ވަނީ ކަނޑައަޅުއްވާފައެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ޤާޟީ ވަނީ މާވިން 25 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރަށްވާފައެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި 4 އަހަރާއި 8 މަސް ޖަލު އަދަބުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހެނީ 20 އަހަރުގެ ޖަލު އަދަބެއްކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ. އަދަބު މަތިކުރި ސަބަބެއް ކަމަށް ޤާޟީ މުޒަންމިލް ފާހަގަކުރެއްވީ، މޭރީ މަރާލުމަށް ފަހު، އެ އަމަލު ފޮރުވުމަށް މަސައްކަތްކޮށްފައިވާތީ އާއި މޭރީ މަރާލުމުގެ އަމަލު ހިންގާފައިވަނީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އެއްވެސް އިހުތިރާމެއްނެތި ކަމަށްވާތީ ކަމަށެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. ފުރަތަމަ މާވިން ބުނީ މޭރީ ދަންޖެހިގެން މަރުވީ ކަމަށެވެ. މޭރީގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވައި އޭގެ ފަހުން ފިލިޕީންސްގައި ހުންނަ އާއިލާއާ ހަވާލުކުރީ 7 ނޮވެމްބަރު 2021 ގައެވެ. އޮޓޮޕްސީ ރިޕޯޓުގައި މޭރީ މަރުވީ ކަރާއި ބޮލަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ކަމަށް ދައްކައެވެ. އަދި މޭރީގެ ލޭގައި ސަކްސިނައިލްކޮލީން ހުރި ކަމަށް ފާހަގަކުރެވިފައިވެއެވެ.

މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު