ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދު
ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދު
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދު މަރާލި މައްސަލައިގައި ދައުވާ ލިބުނު 4 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހު އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ ގޯޅި ތެރޭގައެވެ. އެގޮތުން 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލުއާއި އިތުރު ދެ މީހަކު ހުއްޓައި، އެ ހަ މީހުން އެތަނަށް ގޮސް އަސީލުއާއި އޭނާއާއެކު ތިބި މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ދަޢުލަތުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަސީލް މަރުވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އަސީލަށް ގްރޫޕަކުން ހަމަލާދީ މަރާލި މި މައްސަލައިގައި، ދައުލަތުން ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާކުރީ ގދ. ތިނަދޫ، ސްވީޓްޑްރީމް، އަހުމަދު ނިމްޝާދާއި؛ ހުޅުމާލޭ 10118، އަހުމަދު ޝިރުހާން ޖައުފަރާއި؛ ދަފްތަރު ނަންބަރު 6566، އިސްމާއިލް ރިފާއު އާއި؛ ގދ. ވާދޫ، އާބަހާރުގޭ، އިހްސާން ރަޝީދުގެ އިތުރުން މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދު އަދި މއ. ރާޅުއެރިގޭ، ޝާރިފް ޝަރީފްގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މީގެކުރިން ކުރި ހުކުމުގައި ބުނެފައިވަނީ، ދަށު ކޯޓުގެ ހުކުމުގައި އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހެކި ލިބިފައިނުވާ ކަމަށް ބުނެފައި އޮތަސް، އެގޮތަށް ނިންމި ސަބަބެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ހެކިތަކުން ދެނެގަނެވޭ ކަންކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިނުވާ ކަމަށްވެސް އެ ހުކުމުގައިވެއެެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މައްސަލަ ދަށު ކޯޓުން ނިންމުމުގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން، މި މަރުހަލާގައި ހައި ކޯޓުން ހެކިތަކަށް ރިއާޔަތްކޮށް، ވަޒަން ނުކުރެވޭނެ ކަމަށާއި އަދި އެ މައްސަލާގައި ހެކިތައް އަލުން ވަޒަންކުރުމަށްފަހު ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވަންޖެހޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ކަނޑައެޅިއެެވެ.

އެކަންކަން ފާހަގަކޮށް، 23 ނޮވެމްބަރު 2025 ގައި ހައިކޯޓުން ކުރި ހުކުމުގައިވަނީ އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލުކުރީ ކަމަށެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޝާރިފް ޝަރީފް ފިޔަވާ 4 މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އަދި އިސްމާއިލް ރިފާއު ހާޒިރުނުވާތީ އޭނާގެ ބައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެހެންކަމުން ދެން އޮންނާނީ ކުށް ސާބިތުވި 4 މީހުންގެ މައްސަލައިގައި އަދަބު ކަނޑައެޅުމެވެ.

އަސީލުގެ މަރުގެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުވާ ކުރި ކުޑަ ދެ ކުއްޖަކު 13 އަހަރާއި ހަތަރު މަހަށް ޖަލަށްލުމަށް 2016 ވަނަ އަހަރު އޮގަސްޓްމަހު އެ ކޯޓުން ހުކުމް ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ ޖަލު ހުކުމަށް 2020 ވަނަ އަހަރު ހައި ކޯޓުން ވަނީ ތާއިދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު