ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގަމުންދާ އިމްޕޯޓް ޑިއުޓީ ބޮޑުތަނުން ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމެވެ.

މި ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށްފަހު، ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކުރުމަށް 69 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި އިސްލާހުގެ ދަށުން ސިނގިރޭޓުން ނަގާ އެޑްވަލޮރަމް ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން، ކޮންމެ ސިނގިރޭޓަކުން ނަގާ ސްޕެސިފިކް ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ކުރިން ނޮވެމްބަރު 2024 ގައި ގެނައި ބަދަލާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ 240ރ. އާއި 250ރ. އާ ދެމެދުގެ އަގަކަށް އުފުލިފައެވެ. ނަމަވެސް، މިއަދު ފާސްކުރި ބިލު ތަސްދީގުވެ އަމަލުކުރަން ފެށުމުން، ސިނގިރޭޓު ފޮށްޓެއްގެ އަގު 130ރ. އަށް ތިރިވާނެ ކަމަށް ލަފާކުރެވެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާ އެކުގައެވެ. ސިނގިރޭޓުގެ ޓެކްސް އިންތިހާއަށް ބޮޑުކުރުމާ ގުޅިގެން ރާއްޖޭގައި ވަގު ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު އާންމުވެފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ގަވާއިދުތައް އިސްލާހުކޮށް، އައު ޑިއުޓީއަށް އަމަލުކުރަން ފަށަންޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު