ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާއި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މިހާރުގެ ސަރުކާރަށް އެއްވެސް ހަގީގީ ޕްލޭނެއް އެކުލަވައިލެވިފައި ނެތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ އާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ޑޮލަރު ލިބުމުގެ ދަތިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަދެފައިވާ ކަމަށެވެ.

ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، މާލީ ނިޒާމުގައި ހުރި އުނިކަންތައްތައް އިސްލާހުކޮށް، ދައުލަތުގެ ބަޖެޓު ބެލެންސް ކުރުމުގެ ބަދަލުގައި، ގާނޫނީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ގަންނަން ބީއެމްއެލްއަށް ވަނީ މަޖުބޫރުވެފައެވެ. އަދި "އިންވެސްޓްމަންޓް" ގެ ނަމުގައި ބޭންކުން ބަހަނާ ދެއްކި ނަމަވެސް، މިއީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ އެއްވެސް ހުއްދައެއް ނެތް، ކަނޑައެޅިގެން ޣައިރުގާނޫނީ އަމަލެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.



"މިއީ ދިވެހިންނަށް ބޭރުގެ މާރުކޭޓްތަކުގައި ޚަރަދުކުރެވޭނެ މިންވަރު ހަނިކޮށް، ސިއްރުވެރި އަދި ހަރުކަށި ކޮންޓްރޯލްތަކެއް ތައާރަފްކުރުމަށްފަހު ހިނގާދިޔަ ކަމެއް. މިއިން ހާމަވަނީ ސަރުކާރުގެ ނާގާބިލުކަމުގެ ނުރައްކާތެރި މިންވަރު،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ދަރަނި ދެއްކުމަށްޓަކައި އަމިއްލަ ފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ބޭރު ފައިސާ ޑައިވަރޓް ކުރަމުންދާ ދިއުމަށް ވެސް ކުރީގެ މިނިސްޓަރު ފައްޔާޒު ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުން ޑޮލަރު ހޯދުމަށް މަގުމަތިވެ، "ސަލާންޖަހަން" ޖެހިފައިވާ ކަމަށެވެ. އަދި ބޭންކުން ހޯދަން އުޅޭ ކަމަށް ބުނާ ސުކޫކް ވެސް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމުގެ އުންމީދެއް ނެތްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒުގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ، ބޭރު ފައިސާގެ މި ބޮޑު ކާރިސާއަކީ ކުއްލިއަކުން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކަންކަން ފޮރުވަން އުޅުނަސް ހަގީގަތް އޮޅުވައިނުލެވޭނެ ކަމަށެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރާއި އިގްތިސާދު ހަމައަކަށް އެޅުވޭނީ ސަރުކާރުގެ ދޮގު ވައުދުތަކުގެ ބަދަލުގައި، ދުރުރާސްތާގެ ހަރުދަނާ ސިޔާސަތުތަކާއި ހެޔޮވެރިކަމެއްގެ ތެރެއިން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވައި، ކަޅުބާޒާރު ނައްތާލާނެ ކަމުގެ ބޮޑު ވައުދާއެކުގައެވެ. ނަމަވެސް، ސަރުކާރުގެ ދައުރަށް ދެ އަހަރު ފުރި ތިންވަނަ އަހަރާ ގާތްވަމުން އަންނައިރުވެސް، ޑޮލަރުގެ ތާށިކަމަށް އެދެވޭ ހައްލެއް ނުލިބި، ބޭންކުތަކުންނާއި ބާޒާރުން ޑޮލަރު ހޯދުމުގައި އާންމުންނަށް ހުރި ދަތިތަކުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު