ޤައުމުގެ ހުންގާނު މަރުމޯލެއްގެ އަތަށް ދޫވީ ގޯތި ކުއްޖަކު ތަޚުތުގައި ބެހެއްޓުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ހެއްދެވި ދޮގުތަކުން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕުން "އަލްޙަމްދު" ކިޔަން ބުންޏަސް، އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ވިދާޅުވި ވާހަކަ އާއި ގުޅިގެން ދީނީ އިލްމްވެރިޔާ ޝެއިޙް އަލީ ޒައިދު ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ޝައިޚް ޢަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކު ވިޔަސް ހެޔޮ އެއްޗެއް ބުނެފިނަމަ އޭގައި ހިފަންޖެހޭނެ ކަމަށާއި، އެއީ މުސްލިމުންގެ ސިފައެއް ކަމަށެވެ. ޝެއިހް ޒައިދު ވިދާޅުވީ ހައްޤު ބަހެއް ބުނާ މީހެއްގެ ޕާޓީއަކަށް ނުވަތަ ކުލަޔަކަށް ބަލަންނުޖެހޭނެ ކަމަށެވެ.

ޝެއިހް ޒައިދުގެ އެ ޕޯސްޓު ރީޓްވީޓް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ، މިއަދު ޤައުމުގެ ހުންގާނު "މަރުމޯލެއްގެ" އަތްމައްޗަށް ދޫވެގެން މިއުޅެނީ، މެންބަރު ޖަނާބު ފަދަ ބޭފުޅުން އިސްލާމީ އުޞޫލުތައް ދޫކޮށް، "ގޯތި ކުއްޖަކު" ތަޚުތުގައި ބެހެއްޓުމަށްޓަކައި ހެދި ބުހުތާނު ދޮގުތަކާއި ކުރި ނުބައި ޢަމަލުތަކުގެ ސަބަބުން ކަމަށެވެ.



ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޅިޔަނެކެވެ.

ޖަނާބު އިއްބެ އަކީ ރައީސް ޑރ. މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ބޭބެފުޅެވެ. އެހެންކަމުން، ރައީސް ޑރ. މުޢިއްޒާއި ޖަނާބު އިއްބެއާ ދެމެދު އޮންނަނީ ކައިވެނީގެ ގޮތުން ގުޅިފައިވާ ތިމާގެކަމުގެ ގުޅުމެކެވެ.

ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ދަލީލު ދައްކަވަމުން ޑރ. އިޔާޒް ވަނީ ސޫރަތުލް މާއިދާގެ 8 ވަނަ އާޔަތް ހަނދާންކޮށްދެއްވާފައެވެ. އެ އާޔަތުގެ މާނައިގައިވަނީ، ބަޔަކު މީހުންނާ މެދު އޮންނަ ރުޅިވެރިކަމަކީ ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނުހެދުމަށެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، މީސްތަކުންގެ ހިތްފަޅައި ބެލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ހަނގުރާމައެއްގެ ތެރޭގައި ކާފަރަކު ޤަތުލުވެދާނެހެން ހީވުމުން ޝަހާދަތް ކިޔުމުންވެސް، އޭނާ ޝަހާދަތް ކީ މަރަށް ބިރުން ކަމަށް ބުނެ ޞަޙާބީއަކު އޭނާ ޤަތުލުކުރެއްވި ހާދިސާ ހިއްސާކުރެއްވިއެވެ. އެ ޚަބަރު ރަސޫލާ ﷺ އަށް ލިބިވަޑައިގަތުމުން އެކަމަށް ވަރަށް ބޮޑަށް އިންކާރު ކުރައްވައި "ތިބާ އޭނާގެ މޭމަތި ފަޅައިގެން ބެލީ ހެއްޔެވެ؟" އެފަދައިން ޙަދީޘް ކުރެއްވިކަން ޑރ. އިޔާޒް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ހެޔޮބަހެއް ބުނި މީހެއްގެ ނިޔަތް ބަލަން ނުޖެހޭނެ ކަމަށާއި، އޮތީ ހެޔޮހިތުން އެކަން ޤަބޫލުކުރުން ކަމަށް އިޔާޒް ވިދާޅުވިއެވެ. އަދި ކަންކަމުގައި ޛާތީ ނުވުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު