ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް މިހާރަށްވުރެ ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެއާލައިންތަކުގެ އޮޕަރޭޝަނަލް ޚަރަދުތަކާ އަޅާބަލާއިރު ދަތުރުކުރާ މީހުންގެ އަދަދު މަދުވުން ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ގައުމީ އެއާލައިން މޯލްޑިވިއަން ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ޚާއްޞަކޮށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މި ދާއިރާގައި ހުރި އިގްތިސާދީ ދަތިތަކުގެ ތަފްސީލު ދެއްވާފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މޯލްޑިވިއަނުން މިހާރު ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ރައްކާތެރި އަދި އިތުބާރު ހުރި ބޯޓުތަކަށް ވީނަމަވެސް، އެ ބޯޓުތައް ބެލެހެއްޓުމާއި ދަތުރުތައް ބޭއްވުމަކީ ބޮޑު ހޭދައެއް ހިނގާ ކަމެކެވެ. "އިންޖިން މެއިންޓެނެންސްއާއި އޮޕަރޭޝަނަލް ކޯސްޓަށް ބަލާއިރު، ރާއްޖޭގެ މާކެޓުގައި ޕެސިންޖަރުންގެ ޑިމާންޑް ހުރި މިންވަރުން ޓިކެޓުގެ އަގުތައް މިހާރުވެސް ހުރީ އޮޕަރޭޝަނަލް ޚަރަދަށްވުރެ މާ ބޮޑުކޮށްނެއް ނޫން،" އަމީން ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ އެހެން އެއާލައިންތަކުގެ އަގުތައް 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުވެފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ދިވެހި ސަރުކާރުން ވަނީ އެ ބުރަ ރައްޔިތުންނަށް ނުޖައްސައި އަގުތައް އެއްވަރެއްގައި ހިފަހައްޓާފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގައުމީ އެއާލައިން އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މޯލްޑިވިއަނަށް ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި އުންމީދަކީ އަންނަ އަހަރުގެ ތެރޭގައި މި ބޯޓު އޮޕަރޭޝަނަށް ނެރެ، ޚިދުމަތް ދޭން ފެށުން ކަމަށްވެސް އަމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު