ހައްޤު ބަހެއް ބުނާ މީހެއްގެ ޕާޓީއަކަށް ނުވަތަ ކުލަޔަކަށް ބަލަންނުޖެހޭނެ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ސޯޝަލް މީޑިއާގައި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ދެއްކެވި ވާހަކަ ގުޅިގެންނެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖަނާބު އިއްބެ ވިދާޅުވެފައިވަނީ، އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕުން "އަލްޙަމްދު" ކިޔަން ބުންޏަސް، އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭނެ ކަމަށެވެ. މި ވާހަކަތަކަށް އިޝާރާތް ކުރައްވައި، ޝައިޚް ޢަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކު ވިޔަސް ހެޔޮ އެއްޗެއް ބުނެފިނަމަ އޭގައި ހިފަންޖެހޭނެ ކަމަށާއި، އެއީ މުސްލިމުންގެ ސިފައެއް ކަމަށެވެ.

"ޙަޤުބަހެއް ބުނި މީހާގެ ޕާޓީއަކާ ކުލައަށް ބަލާކަށް ނުޖެހޭނެ! ހެޔޮ ބަހަކީ ހެޔޮބަސް. ކޮންމެ މީހަކު ބުނިކަމުގައި ވިޔަސް!" ޝެއިހް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ފަރާތަކުން ބުނި ކަމުގައި ވިޔަސް ޙައްޤު ބަހާއި ހެޔޮ ބަސް ގަބޫލުކުރަންޖެހޭނެ ކަމުގެ ދީނީ ހެއްކެއް ދައްކަވަމުން ޒައިދު ވިދާޅުވީ، މާތް ޞަޙާބީ އަބޫހުރައިރާ (ރ.ޢ) އަށް ޝައިޠާނާ، އާޔަތުލް ކުރުސީ ކިޔަންބުނި ޙާދިސާ އެކަމުގެ ހެއްކަކަށް ފުދޭ ކަމަށެވެ. އިސްލާމީ ތާރީޚުން އެނގެން އޮތް ގޮތުގައި، ޝައިޠާނާ ބުނި އެ ބުނުމަކީ ތެދެއް ކަމަށް ކީރިތި ރަސޫލާ ﷺ ވެސް ވަނީ ޙަދީޘް ކުރައްވާފައެވެ.

މެންބަރު ޖަނާބު އިއްބެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާއިރު، ދީނީ އިލްމުވެރިޔާގެ މި ބަސްފުޅާއެކު ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ދީނީ އަދި ޙައްޤު އުޞޫލުތައް އިސްކުރުމުގެ މުހިންމުކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު