ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް
ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް
އުރީދޫ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކުރި ނަމަވެސް، އެ ޚިދުމަތުގެ ފުރިހަމަ މަންފާ ދިވެހިންނަށް ލިބެމުން ނުދާ ކަމަށް ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރު އަދި ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވެއްޖެއެވެ.

ފޭސް ބުކްގައި ޖައިލަމް ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލް ރާއްޖެއަށް ގެނައުމުގެ ވައުދު ފުދިއްޖެ ކަމަށް ބުނެ ސަރުކާރުންނާއި ބައެއް މީޑިއާތަކުން ވާހަކަ ދެއްކި ނަމަވެސް، ޙަޤީޤީ ޙާލަތަކީ ޕޭޕަލްގެ އެންމެ މުހިންމު ޚިދުމަތްތައް އަދިވެސް ރާއްޖެއަށް ނުލިބުމެވެ. މިކަމާ ގުޅޭގޮތުން ޞައްޙަ މައުލޫމާތު ނުދީ ޕްރޮޕަގަންޑާ ފަތުރަމުންދާތީ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަމަލީ ގޮތުން ބަލާއިރު، މިހާރު ތައާރަފްކޮށްފައިވާ ޚިދުމަތަކީ ވިޔަފާރިތަކަށް އެކަށީގެންވާ ޚިދުމަތެއް ނޫން ކަމަށް ޖައިލަމް ވިދާޅުވިއެވެ. އެގޮތުން، ކޮންމެ މުއާމަލާތަކުން 3 އިންސައްތައާއި 4 އިންސައްތައާ ދެމެދުގެ ބޮޑު ފީއެއް ނެގުމުގެ އިތުރުން، ބޭންކުތަކަށް ފައިސާ ފޮނުވުމުގައި ހުރި އިތުރު ޚަރަދުތަކުގެ ސަބަބުން މި ޚިދުމަތް ބޭނުންކުރުމަކީ މާލީ ގޮތުން ފައިދާހުރި ކަމަކަށް ނުވެއެވެ.

އަދި ވިޔަފާރިތަކަށް ކޮންމެހެން ބޭނުންވާ މާޗަންޓް ޚިދުމަތްތައް ކަމުގައިވާ އިންވޮއިސް ފޮނުވުމާއި، ޕޭމަންޓް ލިންކްތަކާއި، ސަބްސްކްރިޕްޝަން އަދި ޕޭމަންޓް ގޭޓްވޭ ފަދަ ޚިދުމަތްތައް ނުލިބުމުން، ވިޔަފާރިތަކަށް ބޭނުންވާ 99 އިންސައްތަ ޚިދުމަތުން ދިވެހިން މަހްރޫމްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކައުންޓްތަކުން އެތެރޭގެ މުއާމަލާތްތައް ކުރުމަށް ދަތިތަކެއް ހުރުމާއި، ޓިކްޓޮކް ފަދަ ބޮޑެތި ޕްލެޓްފޯމްތަކުން ދިވެހި ޕޭޕަލް އެކައުންޓްތައް ބަލައިނުގަތުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ޖައިލަމް ވިދާޅުވިއެވެ.

ޖައިލަމްގެ އަމިއްލަ ޕްލެޓްފޯމެއްގައި ޕޭޕަލް ގޭޓްވޭ ގުޅާލި ނަމަވެސް، އެއްވެސް މުއާމަލާތެއް ނުކުރެވުމުން ލިބުނު މާޔޫސްކަން އޭނާ ހިއްސާކުރެއްވިއެވެ.

އެހެންކަމުން، ޕޭޕަލްގެ ފުރިހަމަ ޚިދުމަތްތައް ލިބެންދެން މަސައްކަތް ކުރުމަށް އުރީދޫއަށް ގޮވާލައްވައި، ރައްޔިތުން ވެސް މިކަމުގައި އަޑުއުފުލުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު