ޗެއަރޕާސަން ކެނޑިޑޭޓް މީކާއީލް އަޙްމަދު ނަސީމް
ޗެއަރޕާސަން ކެނޑިޑޭޓް މީކާއީލް އަޙްމަދު ނަސީމް
މިއަދު މި ފެންނަނީ އޭނާ ތަޞައްވަރު ކުރި އެމްޑީޕީ ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކެނޑިޑޭޓް މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު މީކާއީލް ވިދާޅުވީ، އިންތިހާބުގެ ތެރެއިން ހިތާމަވެރި ކަންކަން ފެންނަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި ފަޅާލާފައި އޮތް ވޯޓު ފޮއްޓަށް ވޯޓުލުން ކުރިއަށް ގެންދިއުމާއި، ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލާފައި ވާކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

ހަމައެއާއެކު މީކާއީލް ވިދާޅުވީ، މިއީ ދުވަހަކުވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރު ނޫންކަމަށެވެ.

"އަޅުގަނޑުމެން ތަސައްވުރު ކުރާ އެމްޑީޕީއެއް ނޫން މިއިކީއެއް. އަޅުގަނޑު އެދެން އަދިވެސް އެމްޑީޕީގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް." މީކާއީލް ވިދާޅުވިއެވެ.



އޭގެއިތުރުން މީކާއީލް ވަނީ އިންތިޚާބު ކޮމިޓީން އިންތިޚާބުގެ ސައްޙަކަން ކަށަވަރު ކުރުމަށާއި، ވީހާވެސް ގިނަ ބޭފުޅުން ވޯޓުލުމަށް ނިކުންނެވުމަށް އެދިފައެވެ. އަދި 2028 ކާމިޔާބުވާނީ އެތެރޭގެ އިންތިޚާބުތަކުގެ ހަމަހަމަކަން ކަށަވަރު ކޮށްގެން ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް މިހެން ވިދާޅުވެފައިވާއިރު، މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.



ކިޔުންތެރިންގެ ހިޔާލު