ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ފޮށި ފަޅާލީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމުންނެވެ. އޭނާ ވަނީ އޭނާ އަކީ ކެންޑިޑޭޓެއްގެ މަންދޫބު ކަމަށްވެސް ބުނެފައެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން ބުނީ، ބައެއް ޝަކުވާތައް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ބަލަމުންދާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.



ކިޔުންތެރިންގެ ހިޔާލު