ރާއްޖޭގެ ކޮންމެ އާއިލާއަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 60،000 ރުފިޔާއަށްވުރެ ކުޑަވެގެން ނުވާނެ ކަމަށާއި، އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން އެ މިންވަރަށް ފައިސާ ވަންނާނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ނ. ކުޑަފަރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މިގޮތުން، މިހާރު ގޭބީސީތަކަށް ލިބޭ އާމްދަނީ މަދުވެގެން ދެގުނަ އިތުރުވާން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ގެއަކަށް، ކޮންމެ އާއިލާއަކަށް 60،000 ރުފިޔާ ވަންނާނެ ގޮތް ހެދުން. އިރާދަކުރެއްވިއްޔާ އެމްޑީޕީން އެކަން ކޮށްދޭނަން،" ނަޝީދު ވިދާޅުވިއެވެ.

މި އާމްދަނީ ހޯދައިދިނުމަށްޓަކައި ގެންގުޅުއްވާނެ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ނަޝީދު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ މަސައްކަތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް، މަސްވެރިކަމުގެ ދާއިރާއާއި، ގޭގައި ތިބެގެން ކުރާ ކޭކު އެޅުމާއި ހެދިކާ ހެދުން ފަދަ މަސައްކަތްތަކުން ބޮޑު ނަފާއެއް ހޯދޭނެ ފަދަ އިންތިޒާމުތަކެއް އެމްޑީޕީން ރާވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ސަރުކާރުގެ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި، ދައުލަތުގެ ދަރަނިތައް މިހާރު ދައްކަމުން ދަނީ އާންމު ރައްޔިތުންނަށް ދޭ ސަބްސިޑީތައް އުނިކޮށްގެންނާއި، ބޭސްފަރުވާގެ ނިޒާމަށް ނުވަތަ އާސަންދައަށް ކުރާ ހޭދަ ކުޑަކޮށްގެންނެވެ.

ނަޝީދު ވިދާޅުވީ، ދަރަނި ދެއްކުމުގެ ހަގީގީ ހައްލަކީ ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށް، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ. އެމްޑީޕީގެ ތަޞައްވުރަކީ ދަރަނިވެރިވެފައިވާ ގައުމަކުން މުއްސަނދި ރައްޔިތުންތަކެއް އުޅޭ ގައުމަކަށް ރާއްޖެ ބަދަލުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު