އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ހޯދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް މިއަދު އެއްކޮށް ނިގުޅައިގަނެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ ހާލަތު މިއަދު ވަރަށް ބޮޑަށް ގޯސްވެ، ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. މީގެ ސަބަބުން މަގުމަތިން މީހަކާ ސަލާމްކޮށްލަންވެސް މިއަދު ރައްޔިތުންނަށް ނުކެރޭ ކަމަށާއި، މިއީ ރައްޔިތުން ލަދުވެތިކޮށްލައި ދަށު ދަރަޖައަށް ވައްޓާލުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"އެމްޑީޕީގެ ވެރިކަމެއްގައި އެ ބިރުވެރިކަމެއް ނޯންނާނެ. މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ހަގީގަތެއް. އަޅުގަނޑުމެންގެ ޕާޓީއާ އިދިކޮޅު މުވައްޒަފުންވެސް ސަރުކާރަށް ބޭނުން އެއްޗެއް ކިޔަމުން ގެންދިޔަ،" ފައްޔާޒް ވިދާޅުވިއެވެ.

ޖަލުތަކުގައި ކުރާ އަނިޔާތައް ނިމުމަކަށް އައިސްފައިވާ ކަމަށް ހީކުރެވުނު ނަމަވެސް، އެކަން އަލުން ފެށިފައިވާ ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ފަޅާއެރީ ނޫސްވެރިން ޖަލަށްލާން ފެށުމުންނެވެ. އަދި ވެރިކަމަށް އަންނަ ބައެއް ފަރާތްތަކުގެ ހުދުމުހުތާރު ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން ފަގީރުވެ، ޖީބަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ވޯޓު ފޮށީގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ރަނގަޅު ނޫން ވެރިންނަށް ވެރިކަމަށް އާދެވޭކަން މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ގިނަ ފަހަރަށް ވެރިއަކަށް އަންނަ މީހެއްގެ އަސްލު ސިޔާސަތުތައް ނޭނގުނު ނަމަވެސް، ވެރިކަން ލިބުމުން އެމީހެއްގެ ހުދުމުހުތާރުކަން ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު