ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު (ވައްޑެ)
ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު (ވައްޑެ)
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފައްދައި، ވޯޓު އޮޅުވާލަން އުޅޭކަމަށް މީކާއީލް ނަސީމް ތުހުމަތުކުރަށްވަނީ ބައެއް ރަށްރަށުގައި އޭނާގެ މަންދޫބަކު ބަހައްޓާނެހާ ތާއީދު ވެސް ނެތުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު (ވައްޑެ) ރައްދުދެއްވައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ބައެއް ރަށްރަށުގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ޕާޓީގެ ޖަގަހަތައް ބޭނުންކުރަން ނިންމުމާ ގުޅިގެން، އިންތިޚާބުގެ އިތުބާރު ގެއްލިދާނެ ކަމަށް ބުނެ މީކާއިލް އެމްޑީޕީގެ އިންތިޚާބީ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ. މީކާއިލް ވަނީ އިންތިޚާބުގެ އިތުބާރު ދެމެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދިވަޑައިގަންނަވާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވީ، މިފަދަ ޝަކުވާތައް ކުރަނީ ބައެއް ރަށްރަށުގައި މީކާއީލަށް އެކަށީގެންވާ ތާއީދު ނެތުމުން، ވޯޓު ފޮށި ކައިރީ ބައިތިއްބާނެ މަންދޫބުން އައްޔަން ނުކުރެވޭތީ ކަމަށެވެ.

އޭގެ އިތުރުން ވަހީދު ވިދާޅުވީ، އެމްޑީޕީގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތުން ކޮންމެ ކެންޑިޑޭޓަކަށްވެސް ވޯޓުލާ ކޮންމެ ރަށެއްގައި މަންދޫބަކު ބެހެއްޓުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އަދި މި މަންދޫބުންނަށް ވޯޓުލުމުގެ މަރުހަލާ އާއި ވޯޓު ފޮށިތައް، މުޅި އިންތިޚާބު ނިމެންދެން ގާތުން ބެލެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީކާއީލް އިންތިޚާބީ ކޮމިޓީއަށް ހުށަހެޅި ޝަކުވާއާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނަން ބޭނުންތޯ ސުވާލު ކުރުމުން، ވަހީދު ވިދާޅުވީ އެކަމާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ދޭން ބޭނުންނުވާ ކަމަށާއި، އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން، ދާދިފަހުން ފީއައްޔަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ސަޕޯޓަރުން، ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކެއްގެ ކަންބޮޑުވުންވެސް މީކާއީލް ވަނީ އިންތިޚާބީ ކޮމިޓީއަށް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު