ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު
ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ގިނަ ބައެއްގެ ތާއީދު އޮވެގެން ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިލްހާމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ގިނަ ބައެއްގެ ތާއީދު އޮވެގެން ކަމަށާއި، ރާއްޖޭގެ ތާރީޚަށް ބަލާއިރު 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުތަކުގައި ވެސް ޕާޓީތައް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަން ހަދައިގެން ކަމަށްވުމުން، ކުރިއަށް އޮތް ތަނުގައި ވެސް ވެރިކަން ލިބޭނީ ކޯލިޝަން ހަދައިގެން ކަމަށެވެ.

​މިކަމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓުގައި ތިބި ފަސްދޮޅަސް ހާސް މީހުންގެ ވޯޓުން އެކަނި ވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށް ގިނަ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި، މީކާއިލް ނަސީމްގެ މެނިފެސްޓޯގައި ވެސް ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިނުމާއި ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ހިމެނޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ތާއީދު މީކާއިލްއަށް އޮތްކަން ވަނީ ހާމަކުރައްވާފައެވެ.

​އިލްހާމް އަހުމަދުގެ މި ޚިޔާލުތަކަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި މީކާއިލް ނަސީމްގެ ކެމްޕޭނަށް ލިބުނު އިތުރު ބާރެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، މީކާއިލްގެ "އިތުބާރު" ކެމްޕޭނުން މިހާރު ގެންދަނީ ރާއްޖޭގެ އެކި ސިޓީތަކަށް ދަތުރުކޮށް ޕާޓީގެ އާންމު މެންބަރުންގެ ތާއީދު ހޯދުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު