ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން ނިންމުމުގެ ބޮޑު ޖަލްސާ އަންނަ ޖޫން މަހުގެ 10 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

"އިތުބާރު" ކެމްޕޭނުގެ ފަރާތުން އިންތިޒާމުކުރާ މި ޚާއްސަ ޖަލްސާ އޮންނާނީ އެ ރޭގަނޑު 8:45 ގައި މާލޭ އާޓިފިޝަލް ބީޗުގައެވެ. މީކާއިލްގެ ކެމްޕޭން ޓީމުން ވަނީ އެމްޑީޕީއަށް ލޯބިކުރާ އަދި ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް މި ޖަލްސާގައި ބައިވެރިވުމަށް އާންމުކޮށް ދައުވަތު އަރުވާފައެވެ

އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޕާޓީގެ އައު ޗެއާޕާސަނަކު ހޮވުމަށް ބާއްވާ ފޯރިގަދަ އިންތިޚާބު އޮންނާނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވާ ހުކުރު ދުވަހުއެވެ.

މި އިންތިޚާބަކީ ޕާޓީގެ ކުރިމަގާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީ ތައްޔާރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ފަހަރުގެ ޗެއާޕާސަން އިންތިޚާބުގައި މީކާއިލްއާ އެންމެ ވާދަވެރިކޮށް ކުރިމަތިލައްވަނީ އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތާއީދެއް ހޯއްދެވުމަށް ދެ ކެންޑިޑޭޓުންވެސް ވަރުގަދަ ކެމްޕޭނެއް ކުރިއަށްގެންދަވާއިރު، ޖޫން 10 ގައި ބާއްވާ މި ޖަލްސާއަކީ ވޯޓުލުމުގެ ކުރިން މީކާއިލްގެ ފަރާތުން ބާއްވާ އެންމެ ފަހުގެ އަދި އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް މަޢުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު