ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީގެ އެއްވެސް މެންބަރަކު އެ ޕާޓީން ވަކިނުވެ، ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާ ގުޅުވައި، މިއަދު އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ، ޕާޓީގެ އެންމެ މެންބަރަކުވެސް ވަކިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު ޕާޓީއާ ގުޅުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި އިންތިހާބުގެ ކެމްޕޭންގެ ތެރޭގައާއި އޭގެ ފަހުންވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ ކުރިން އެމްޑީޕީ ދޫކޮށްލައްވައި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި ރައީސް ނަޝީދު މިހާރު ވިދާޅުވަނީ، އެއްވެސް ސަބަބަކާ ހުރެ އެއްވެސް މީހަކު އެމްޑީޕީއާ ދުރަށްދާން ބޭނުންފުޅުނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެންބަރުންނެވެ. ރާއްޖޭގައި މިހާރު އެންމެ މެންބަރުން ގިނައީ ވެރިކަން ކުރާ ޕީއެންސީގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި 74,048 މެންބަރުން ހިމެނެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ބޮޑުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްރަހު މިދުވަސްވަރު އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެގޮތުން، ޗެއާޕާސަން އިންތިހާބުން ބަލިވާ ފަރާތްތައް ޕާޓީގެ ކަންކަމާ "ތަންކޮޅެއް ދުރުގައި" ތިބެންޖެހޭނެ ކަމަށާއި، ޕާޓީ ހިންގުމުގައި ކައިރީގައި ތިބެންވާނީ މޮޅުވާ ބައެއް ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު