ރައީސް ނަޝީދު
ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނާއި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، މަގުބޫލުކަން ގެއްލިފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިފާއުކުރުމަށްޓަކައި ނަގާލާނެ ރަހުމަތްތެރިކަމެއް ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އަދި މި ދަނޑިވަޅުގައި ޕީއެންސީގެ މެންބަރުންގެ މެދުގައި އޮތް ވަކިވަކި ގުޅުންތައް މާވަރުގަދަވާނެ ކަމަށްވެސް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ގޮތުން މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕާޓީން ފަށާފައިވަނީ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށެވެ.





މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި މަގުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.

އެހެންކަމުން، މަޖިލީހުގެ ތެރެއިން ސިޔާސީ ބޭފުޅުންގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި ސިޔާސީ ގުޅުންތައް، މަގުބޫލުކަން ކުޑަވެފައިވާ ވެރިއެއްގެ ހިމާޔަތުގައި ގުރުބާންކޮށްނުލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ނާޒިމް މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު