އަބްދުﷲ ޞާދިޤް (ސޯބެ)
އަބްދުﷲ ޞާދިޤް (ސޯބެ)
ރާއްޖޭގެ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުންދަނީ ނުހަނު ދަތި އަދި ބިކަ ޙާލަތެއް ކަމަށާއި، ނަމަވެސް އެ ވާހަކަތައް ދައްކަން ފެށުމުން ކުއްލި ގޮތަކަށް ކޯޓު އަމުރެއް ނެރެ އަނގަބަންދު ކޮށްފާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، މުޅި ރާއްޖެއާއި އޭނާ ނިސްބަތްވާ އަތޮޅާއި ދާއިރާގެ ރައްޔިތުންވެސް މިއަދު އުންމީދު ކުރަނީ ފުދުންތެރި، ހަމަޖެހޭ ދިރިއުޅުމަކަށް ނަމަވެސް، ޤައުމުގެ މިހާރުގެ ޙާލަތު އޮތީ އެ އުންމީދުތަކާ މާ ދުރުގައި ކަމަށެވެ.

ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ މާޔޫސްކަމުގެ މިސާލެއްގެ ގޮތުން ސޯބެ އަލިއަޅުއްވާލެއްވީ ހިޔާ ފްލެޓް ސަރަޙައްދަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އަމިއްލަ ރަށުގެ ހިތްފަސޭހަ ހޮޅުއަށިތައް ދޫކޮށްލުމަށްފަހު އުމުރުން ދުވަސްވީ މާމަމެންނާއި ކާފަމެން މާލެ ބަދަލުވާން ޖެހުނީ ރަށްރަށުން އެކަށީގެންވާ ޚިދުމަތްތައް ނުލިބޭތީއެވެ. އަދި ހަވީރުގެ ވަގުތުތަކުގައި ހިޔާ ސަރަޙައްދުން ފެންނަނީ އެފަދަ ދުވަސްވީ ފަރާތްތައް ކުރާނެ ކަމެއް ނެތި، މާޔޫސްވެފައި ތިބޭ ހިތާމަވެރި މަންޒަރުތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރަށްރަށަށް ބޭނުންވާ ބޯފެނާއި ކަރަންޓުގެ ޚިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްނުދޭއިރު، ޤައުމުގެ ސިއްޙީ ނިޒާމުވެސް އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ސޯބެ ތުހުމަތު ކުރެއްވިއެވެ. އެގޮތުން އާސަންދައިގެ ޚިދުމަތް މިއަދު އޮތީ ހަމައެކަނި ނަމެއްގައި ކަމަށާއި، ބޭސް ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް މިއަދުވެސް ޖެހެނީ ބޭސް ސިޓީތައް ހިފައިގެން ސަލާންޖަހަން ކަމަށް އޭނާ ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.

ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާކަން ފާހަގަކުރައްވަމުން ސޯބެ ވިދާޅުވީ، ޑޮލަރާއި ޕެޓްރޯލްގެ އަގުގެ އިތުރުން ކަރަންޓު ބިލްތައްވެސް ދަނީ ބޮޑުވަމުންނެވެ. އަދި ތެލުގެ އަގު މަތިވަމުންދާ ނަމަ އެ ނޫން ގޮތެއް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވާހަކަ ނިންމާލައްވަމުން ސޯބެ ތަކުރާރުކުރެއްވީ، މިފަދަ އެތައް ތަކްލީފުތަކެއްގެ ސަބަބުން ރައްޔިތުން ތިބީ އުފަލެއްގައެއް ނޫން ކަމަށާއި، މިއަދު ކޮންމެ ދިވެއްސެއްގެވެސް ހަމައެކަނި އެދުމަކީ ހަމަޖެހިލައިގެން އުޅެވޭނެ ފުދުންތެރި މާހައުލެއް ލިބުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު