މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަޑު ކަނޑުވާލުމަށާއި އަނިޔާވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ އެކްޓިވިސްޓް އަދި މީކާއިލް ނަސީމްގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ޝާނިހު އަލީ ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީކާއިލް ނަސީމްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާނިހު ވިދާޅުވީ، ރައްޔިތުން ނިކުމެ ޙައްޤު ބަސް ބުނުމުން ރައްޔިތުންގެ އަގަމަތީގައި ޓޭޕް އަޅުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރެފަރެންޑަމް ވޯޓުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ރައްޔިތުންގެ ބާރު ކަނޑުވާލަން އުޅުނު ދަނޑިވަޅުގައި، މީކާއިލް ނަސީމް އިސްނަންގަވައިގެން އެމައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅައި ރައްޔިތުން ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގައުމަށް މިއަދު ބޭނުންވަނީ މިފަދަ ކެރޭ، މުރާލި އަދި ރައްޔިތުންނާ އެކީގައި ސާބިތުވެ ތިބޭނެ ލީޑަރުން ކަމަށްވެސް ޝާނިހު ވިދާޅުވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓުންގެ އަމިއްލަ ގާބިލުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝާނިހު ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުންނަކީ އެހެން ބައެއްގެ ފޮޓޯއާއި ނުފޫޒު ފަހަތުގައި ބަހައްޓައިގެން ނިކުންނަންޖެހޭ ބައެއް ނޫން ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލަރުން ފަދައިން މީކާއިލްވެސް ނިކުމެ ހުންނެވީ އަމިއްލަ ގާބިލުކަމާއި ކުރެއްވި ބުރަ މަސައްކަތްޕުޅާ އެކީގައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޕާޓީގެ ތެރޭގައި ކުރެވޭ ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ވަކި މީހަކަށް ދިނުމުގެ ބަދަލުގައި، ހުރިހާ އެންމެންގެ އަގު ވަޒަންކުރާ އާ ލީޑަރޝިޕެއް ޕާޓީއަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕާޓީގެ އާންމު މެންބަރުންނާ މުޚާޠަބު ކުރައްވަމުން ޝާނިހު ވަނީ ޕާޓީ ހާލުގައި އޮތްއިރު ފިލައިގެން ގޮސްފައި، މޮޅުލިބޭ ދުވަހު އެނބުރި އަންނަ މީހުން މެންބަރުން ހަނދާން ނައްތާނުލުމަށް ގޮވާލައްވާފައެވެ.

ސަރުކާރުން އެމްޑީޕީގެ އަޑު ކަނޑުވާލަން އުޅުނަސް، ޕާޓީގެ އެތެރޭގައި އުފެދޭ ރާޅުތައް ސުނާމީއަކަށް ބަދަލުވެ ސަރުކާރާ ކުރިމަތިލާނެ ކަމުގެ އިންޒާރު ދެއްވަމުން، ﷲގެ އިރާދަފުޅާއެކު އެމްޑީޕީގެ ޗެއަރޕާސަންކަމުގެ ގޮނޑި މީކާއިލް ނަސީމް ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު