ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ރައްޔިތުން އެތައް ގުރުބާނީއަކުން ހޯދި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހުރެލާފައި ޖަހައިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި، ގެއްލެމުންދާ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މުޅި ރައްޔިތުން އެކުގައި ނިކުންނަން ޖެހިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) ގެ މާލެ ކެޕެއިން ބޮޑު ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ އިސް ލީޑަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަފްލާގައި ފައިސަލް ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ހޯދާފައިވާ ހައްގުތަކާއި މިނިވަންކަމަކީ ކިހާ ބޮޑު ގުރުބާނީއެއްކަން އެނގޭނީ އެކަމުގައި އުޅުނު ބަޔަކަށް ކަމަށެވެ. އަދި މިއަދު ވެރިކަން ހިންގަން ތިބި ބަޔަކަށް މިކަންތައްތަކުގެ އަގު ނުވިސްނޭ ކަމަށް ވިދާޅުވިއެވެ. 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީއަކީ އޭރުގެ ސަރުކާރަށް ރައްޔިތުންނާއި ބޭރު ދުނިޔެއިން ކުރިމަތިކުރުވި އެތައް ޕްރެޝަރެއްގެ ސަބަބުން މަޖުބޫރުވެގެން ގެނައި ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، އައުގޮޑުމެން އެއްވެއުޅުމުގެ މިނިވަންކަން، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަމަކީ އެއީ ހަމަ ހުރެލާފައި ޖަހައިގަނެވޭނެ އެއްޗެއް ނޫން،" ހާއްސަ މަޖިލީހުގެ ދުވަސްވަރު މަގުމަތީގައާއި ގެލެރީ ފުރާލައިގެން ރައްޔިތުން އުފުލި ބިރުވެރިކަމާއި، ޖަލު ގޮޅިތަކުގައި ތަހައްމަލުކުރި އަނިޔާތަކަށް އިޝާރާތްކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ރައްޔިތުން ހޯދި ހުރިހާ ބާރުތަކާއި ހައްގުތަކެއް އެއްކޮށް ބީވެ، މުޅި ގައުމު ފަނާވަމުންދާ ކަމަށެވެ. އަދި ގެއްލިގެންދާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ދުވަހެއް ކަމަށްވާތީ، ގާނޫނުއަސާސީގެ ދަށުން ކަންކަން އިސްލާހުކުރުމަށް މުޅި ރައްޔިތުން އެއްކޮށް ނިކުންނަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާއަށް ސޯބެ އިންތިހާބު ކުރަންޖެހެނީ މަޖިލީހުގެ ތެރެއިން މި އިސްލާހީ މަސައްކަތަށް އިތުރު ހިތްވަރެއްލާ، ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް ވިދާޅުވެ، ފައިސަލް ވަނީ ދާއިރާގެ ހުރިހާ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު