ރައީސް މުހައްމަދު ނަޝީދު: ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް މުހައްމަދު ނަޝީދު: ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ފުވައްމުލައް ސިޓީގެ ޑައިވަރުން އިސްނަގައިގެން އެކުލަވާލައި، ސަރުކާރަށް ހުށަހަޅާފައިވާ ޑައިވިންއާ ގުޅޭ "ކޯޑް އޮފް ކޮންޑަކްޓް" ވީހާވެސް އަވަހަކަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އާންމުކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ "ބޮޑު ބަދަލު" ކެމްޕޭނަށް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައިއެވެ.

އެމަނިކުފާނު ވަނީ، ފުވައްމުލަކަކީ މިހާރު ފަތުރުވެރިންގެ، ޚާއްޞަކޮށް ޑައިވްކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ.

ފުވައްމުލަކުގައި ހަރަކާތްތެރިވާ ހުރިހާ ގާބިލު ޑައިވަރުންނާއި ޑައިވް ސެންޓަރުތައް ގުޅިގެން، އެ ސިޓީގައި ޑައިވް ކުރުމުގައި އަމަލުކުރާނެ ރަނގަޅު އުސޫލުތަކެއް ހިމަނައިގެން ތައްޔާރުކުރި ކޯޑް އޮފް ކޮންޑަކްޓް ސަރުކާރަށް ފޮނުވިތާ މިހާރު އަހަރެއްވާން ކައިރިވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، މިހާތަނަށްވެސް އެ އުސޫލު ގެޒެޓްކޮށްފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑައިވިންގެ ދާއިރާގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކޮށް، އެފަދަ ކަންކަން ހުއްޓުވޭނީ އެންމެން އެއްބަސްވާ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިގެންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މި އުސޫލު އަވަހަށް އާންމުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން، ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ރަށުގެ ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމާއި ސަޕޯޓު ނުލިބޭތީ އެކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު