ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ކުއްލި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރާ މަސައްކަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗް އިން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް ނޭވާހިއްލުމަކީ ވަރަށް އާންމު ބައްޔެއް ކަމަށެވެ. އަދި މިފަދަ ބަލިތައް އިތުރުވުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ ތިމާވެށި ތަޣައްޔަރުވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދިޔަ ނަމަވެސް، މި ބައްޔަށް ފަރުވާ ދިނުމުގައާއި ހޭލުންތެރިކަން އިތުރުކުރުމުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ ފަރާތްތަކާ މެދު މުޖުތަ

މަޢު ދެކޭގޮތް ބަދަލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މެޑަމް ވިދާޅުވީ އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންޖެހޭ ކަމަށެވެ. އަދި ބަލި ހުންނަ ކޮންމެ ކުއްޖަކީވެސް އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކޮށްދިނުމަށްޓަކައި، އޯގާތެރި މުޖުތަމަޢެއް ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދުނިޔޭގެ ނޭވާހިއްލުމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ފަރުވާގައި ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެހާ ފަރާތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ. މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ މި ބައްޔާ ބެހޭގޮތުން ސިއްޙީ މާހިރުންގެ މެދުގައި މަޝްވަރާކޮށް، ފަރުވާގެ ފެންވަރު މަތިކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު