ހަނދާން ނެތޭ ބަލި ނުވަތަ އަލްޒައިމާސް
ހަނދާން ނެތޭ ބަލި ނުވަތަ އަލްޒައިމާސް
އަލްޒައިމާސް ބަލީގެ ކުރީކޮޅުގައި ތިބޭ ފަރާތްތަކުގެ ތެރެއިން، އެހެން އެއްވެސް ފަރުވާއެއް ނުހޯދާ މީހުންގެ ހަނދާން ނެތުމުގެ މައްސަލަ %31 ލަސްކޮށްދޭ އައު ބޭހެއް ތަހުލީލުތަކުން ކާމިޔާބުވެއްޖެއެވެ.

ދެކުނު ކޮރެއާގެ އަރީބަޔޯ ކުންފުނިން އުފައްދާފައިވާ "އޭއާރު1001" (ނުވަތަ މައިރޯޑެނަފިލް) ނަމަކަށް ކިޔާ މި ބޭހަކީ، ޖިންސީ ބަލިކަށިކަމަށް ދޭ ބޭސްތަކާ އެއްގޮތް އުސޫލަކުން މަސައްކަތްކުރާ ބޭހެކެވެ. މި ބޭސް ތަޖުރިބާކޮށްފައިވަނީ 13 ޤައުމެއްގެ 230 މަރުކަޒަކުން، އަލްޒައިމާސްގެ ފުރަތަމަ މަރުޙަލާގައި ތިބި 1،535 ބަލިމީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ "ޕޮލާރިސް-އޭޑީ" ޓްރައިލްގައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ބައިވެރިންނަށް ކޮންމެ ދުވަހަކު ދީފައިވަނީ 30 މިލިގްރާމްގެ ބޭސް ގުޅައެއް ނުވަތަ ޕްލަސީބޯ (އަސްލު ބޭހުގެ އަސަރެއް ނެތް ގުޅައެއް) އެވެ. ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ޑިމެންޝިއާގެ އެހެން އެއްވެސް ބޭހެއް ބޭނުންނުކުރާ 604 މީހުންގެ ތެރެއިން މި ބޭސް ބޭނުންކުރި މީހުންގެ ވިސްނުމާއި ހަނދާނުގެ ބާރު ދަށްވަމުންދިޔަ މިންވަރު ވަނީ %31 އަށް ލަސްވެފައެވެ. މިއީ ބަލީގެ ނޭދެވޭ އަސަރުތައް ބޮޑުވުން ގާތްގަނޑަކަށް ތިން މަސްދުވަހާއި ބަޔަށް ފަސްކޮށްދޭ މިންވަރެކެވެ.

ވައިއަގްރާ ފަދަ ބޭސްތަކެކޭ އެއްފަދައިން މި ބޭހުން ވެސް "ޕީޑީއީ5" އެންޒައިމްގެ މަސައްކަތް ހުއްޓުވައެވެ. މި ބޭހުގެ މައިގަނޑު އަމާޒަކީ ސިކުނޑީގެ ނާރުތަކުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމާއި، ސިކުނޑިއަށް ލޭ ދައުރުވުމުގެ ނިޒާމު ހަރުދަނާކޮށްދިނުމެވެ.

މިއީ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. ސަބަބަކީ މިހާރު ހުއްދަ ދީފައިވާ އަލްޒައިމާސް ބޭސްތަކަކީ، ގަވާއިދުން ހޮސްޕިޓަލަށް ހާޒިރުވެ އައިވީ އިންފިއުޝަން މެދުވެރިކޮށް ދޭންޖެހޭ، އަދި ސިކުނޑި ދުޅަވޭތޯ ބެލުމަށް ތަކުރާރުކޮށް އަގުބޮޑު ސްކޭންތަކެއް ހަދަންޖެހޭ ފަރުވާތަކަކަށް ވާތީއެވެ. އެހެންކަމުން، ގޭގައި ހުރެގެން ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނެ އަގުހެޔޮ ބޭސް ގުޅައެއް ލިބުމަކީ މި ބައްޔަށް ފަރުވާދިނުމުގައި އަންނާނެ ބޮޑު ބަދަލެކެވެ.

އެމެރިކާގެ ބޮސްޓަންގައި ބޭއްވުނު "ކްލިނިކަލް ޓްރައިލްސް އޮން އަލްޒައިމާސް ޑިޒީޒް" ކޮންފަރެންސްގައި ހާމަކުރި މި ނަތީޖާތަކުން ދައްކާ ގޮތުގައި، މި ބޭހުގެ ސަބަބުން ނުރައްކާތެރި ސައިޑް އިފެކްޓެއް ފެނިފައިވަނީ ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް %10 މީހުންގެ ކިބައިންނެވެ. މިއީ ޕްލަސީބޯ ބޭނުންކުރި މީހުންނާ އަޅާބަލާއިރު އެއްވަރުގެ ނިސްބަތެކެވެ.

ނަމަވެސް، މިއީ އެ ކުންފުނިން އިސްވެ ހާމަކުރި ފުރަތަމަ މަރުޙަލާގެ ނަތީޖާތަކަށް ވުމާއެކު، މި ދިރާސާ އަދި ސައިންޓިފިކް ޖާނަލެއްގައި ޝާއިޢުކޮށް ރަސްމީކޮށް މުރާޖަޢާކޮށްފައެއް ނުވެއެވެ. އަދި ދިރާސާގައި ބައިވެރިވި އެންމެންނަށް މި ބޭހުގެ ފައިދާ ފެނިފައި ނުވާއިރު، އެދެވޭ އަސަރެއް ފާހަގަކުރެވިފައިވަނީ އެހެން އެއްވެސް ބޭހެއް ބޭނުންނުކުރާ ފަރާތްތަކުން އެކަންޏެވެ.

އަރީބަޔޯ ކުންފުނިން މިހާރު ތައްޔާރުވަމުންދަނީ މި ނަތީޖާތަކަށް ބިނާކޮށް، ބޭސް ބޭނުންކުރުމުގެ ރަސްމީ ހުއްދައަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށެވެ. މިއީ އަލްޒައިމާސް ބައްޔަށް ފަރުވާދޭ މިފަދަ ގުޅަބޭހެއް ރެގިއުލޭޓަރީ އިދާރާތަކަށް ހުށަހެޅޭ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު