ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޝާހިދު ބަންދު ކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ ސިއްރު އަޑުއެހުންތަކަކަށް ފަހު ހައިކޯޓުން މިއަދު ނިންމާފައިވަނީ، ދަށު ކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ނެރުނު 30 ދުވަހުގެ ބަންދު އަމުރު ދެމެހެއްޓުމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އަދި ފުލުހުންގެ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ތަހުގީގުގެ މަސްލަހަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2 ނޮވެމްބަރ 2026 ދުވަހުގެ ރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޝާހިދު ހައްޔަރުކުރުމަށްފަހު އެމަނިކުފާނު ވަނީ ދޫނިދޫ ގައި ބަންދު ކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފުލުހުން ޝާހިދު ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ، އެމަނިކުފާނާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރަށްވާފައެވެ. ޝާހިދު ވިދާޅުވީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެހެންވެ މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލާގައި ޝާހިދުގެ ދަރިކަލުން ޔާމީން ޝާހިދު ވިދާޅުވެފައިވަނީ، ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެމަނިކުފާނު ދުވަހަކުވެސް ކުރަށްވާނެ ކަންކަން ނޫން ކަމަށާއި، މުޅި އާއިލާ އޮތީ ސާބިތުކަމާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ.

އަދި ބައްޕާފުޅުގެ ސުލޫކާއި، ގަބޫލުކުރައްވާ އުސޫލުތަކުގެ އިތުރުން، އެއީ ކޮންފަދަ ޝަހުސިއްޔަތެއްކަން އާއިލާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތަކަކީ ދުވަހަކުވެސް ކުރަށްވާނެ ކަންތައްތަކެއް ނޫންކަން ޔަގީންވާ ކަމަށްވެސް ދަރިކަލުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޝާހިދުގެ ދަރިކަލުން ޔާމީން ވިދާޅުވީ، އިންސާފުވެރިކަމާއެކު ކަންކަން ކުރިއަށް ދިއުމާއި، ގާނޫނީ އިޖުރާއަތްތައް ފުރިހަމަވުމުގެ އިތުރުން، ޝާހިދުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރިހަމަ ފުރުސަތު އެމަނިކުފާނަށް ލިބެންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު