ސަރުކާރުގެ ޓެކްސީ ލައިން، ފޮޓޯ: އެމްޓީސީސީ
ސަރުކާރުގެ ޓެކްސީ ލައިން، ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭން ފެށުމަކީ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން އަތްބޭނުން ނޫން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތަކަށް ވާއިރު، ސަރުކާރުގެ ބޭނުމަކީ އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އެމްޓީސީސީން މި ދާއިރާއަށް ނުކުތީ ވަކި މިންގަނޑުތަކެއް ހިފަހައްޓައި، މި ހިދުމަތް ދިނުމުގައި ނަމޫނާ ދެއްކުމަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ މަސައްކަތެއްގައި ވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެގޮތުން ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި، ގަޑިއަށް ދަތުރުތަކަށް ދިއުމާއި، ޑްރައިވަރުންގެ އަހުލާގު ރަނގަޅު ކުރުން ފަދަ ކަންކަމަކީ އަބަދުވެސް ރަނގަޅު ކުރަން ޖެހޭނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހިދުމަތުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ އޭޕްރީލް 18 އިން މެއި 1 އާ ހަމައަށް އެވްރެޖްކޮށް ކަސްޓަމަރަކު ގުޅާތާ 8.5 މިނެޓުގެ ތެރޭގައި ޓެކްސީ ލިބޭ ކަމަށެވެ. އަދި ކޮންމެ ދަތުރަކަށް އެވްރެޖްކޮށް ހޭދަވަނީ 12.2 މިނެޓު ކަމަށްވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޭޕްރިލް 13 އިން 18 އަށް އެމްޓީސީސީން 11,000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށާއި، ހިދުމަތް ފެށި ދުވަހާ އަޅާބަލާއިރު މާލޭގައި ކުރާ ދަތުރުތަކުގެ ނިސްބަތް 50 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

"މިއީ އަދި ވަރަށް ކުރީކޮޅު ކަމުން ހުރިހާ ކޯލްތަކަށް އެޓެންޑް ނުވެވިދާނެ. އެކަމަކު ރައްޔިތުން މި ހިދުމަތް ބޭނުންކުރާ މިންވަރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓެކްސީ އެސޯސިއޭޝަނާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު