ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މާލި ހަދައިގެން މަގުމަތީގައި ހަރަކާތްތެރިވިއިރުވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތް ކަމަށާއި، ނަމަވެސް އޭރު އެ ބޭފުޅުންނަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

މެންބަރު ފިއްޓޭ މިފަދައިން ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފު ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކޮށް، އެ ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރަށްވަމުންނެވެ.

"އިންޑިއާ އައުޓް ގޮވިއިރު ވެސް އޮތް އެ މާއްދާ ގާނޫނުއަސާސީގައި ލިޔެވިފައި. މި ބޭފުޅުން ހަނދާނަކު ނެތް. މާލި ހަދައިގެން ނުކުމެ މަގުމަތީގައި ދުވުނުއިރު ވެސް ކުޑަކުދިން ބަލައި އަތްޖެހި. ރައީސް ވެސް އެ ދެއްކެވި ވާހަކަ އާއި މި ބޭފުޅުން ދެއްކެވި ވާހަކަ އަޑު އެހި،" ފިއްޓޭ ވިދާޅުވިއެވެ.

މި ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ރައްޔިތުން ނުރުހުން ފާޅުކުރަނީ ރައްޔިތުންގެ މުހުތާދުތައް މިއަދު ނުފުއްދޭތީ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށްވެސް އެމްޑީޕީ މެންބަރުން ފާހަގަ ކޮށްފައިވެއެވެ.

ޕީއެންސީން މި ގަރާރު މަޖިލީހަށް ހުށަހަޅާފައި މިވަނީ، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްގެ ސަޕޯޓަރުން ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދުގައި އިހުތިޖާޖުކޮށް، އެ ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހައިގެ ޖަލްސާތަކަށް ހުރަސްއަޅާ ކަމަށް ބުނެއެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީންވެސް ދަނީ ފަހަކަށްއައިސް މާލޭގައި ސިލްސިލާ އިހުތިޖާޖުތައް ބާއްވަމުންނެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި، ޕީއެންއެފުން ގާނޫނީ އިމުގެ ބޭރުން ހަރަކާތްތައް ހިންގަމުންދާ ކަމަށާއި، އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއަޅަމުންދާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު